ޚަބަރު

އަމިއްލަ ދަނޑުގައި ބަލިވެ މަހިބަދޫއަށް ޕްލޭއޮފް ގެއްލުމުގެ ބިރު


  • ކުޑަހުވަދޫއިން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިން

  • މިއާއެކު މަހިބަދޫ ވަނީ ތައާވަލުގެ ފުލަށް ވެއްޓިފައި

ރީޖަން ލީގުތަކުގެ ސެންޓްރަލް ރީޖަންގައި މަހިބަދޫ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެ، އެޓީމަށް ޕްލޭއޮފް ބުރު ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ. ކުޑަހުވަދޫ އާއި ބައްދަލުކުރި މިމެޗު ކުޑަހުވަދޫ ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑުނަގާފައި ވަނީވެސް ކުޑަހުވަދޫއިންނެވެ. އެޓީމުން މިގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގެ ބޮޑުބައި ނިމިފައިވަނީ މިނަތީޖާއާއެކު ނަމަވެސް، މަހިބަދޫއިންވަނީ ހާފު ނިމުމުގެ ކުރިން، އިތުރުވަގުތުގެ ކުރީކޮޅު މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މަހިބަދޫ ޓީމުން ވަނީ ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅެ، މެޗުގެ 58 ވަނަ މިނެޓުގައި ލީޑުވެސް ނަގާފައެވެ. ނަމަވެސް ކުޑަހުވަދޫއިން ވަނީ އޭގެ 2 މިނެޓު ފަހުން އެޓީމުގެ 2 ވަނަ ގޯލު ޖަހައި، މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައެވެ. ކުޑަހުވަދޫ މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ.

މިނަތީޖާއާއެކު، މަހިބަދޫ މިވަނީ ތައާވަލުގެ ފުލަށް ވެއްޓިފައެވެ. އެޓީމު ކުޅުނު 4 މެޗުން އެޓީމަށް ލިބިފައިވަނީވެސް 4 ޕޮއިންޓެވެ. މިމެޗުން މޮޅުވުމާއެކު ކުޑަހުވަދޫއަށް 5 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ދ.މީދޫއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އަދި އެއްވަނައިގައި އޮތް ހުރައަށް ލިބިފައިވަނީ 7 ޕޮއިންޓެވެ.

މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.