ސިޔާސީ

"ކާޑުގެ ބާވަތްތަކަށް ޓާގެޓް ސަބްސިޑީއެއް އޮންނަންޖެހޭ"


ކާޑުގެ ބާވަތްތަކަށް ޓާގެޓް ސަބްސިޑީއެއް އޮންނަންޖެހޭނެ ކަމަށާއި، ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޫކުރައްވާ އުސޫލްތަކަށް ސަރުކާރުން ގެންނެވި ބަދަލަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށް އެޅުއްވި މުހިއްމު ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ދާދިފަހުން ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޫކުރައްވާ އުސޫލްތަކަށް ގެންނެވި ބަދަލުތަކާއި ގުޅޭގޮތުން ޓީ.ވީ.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ކާޑުގެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދެއްވައިގެން ދަޢުލަތެއް އަބަދު ނުހިންގޭނެކަން އެއީ މިއަދު ޤަބޫލްކުރަންޖެހޭ ހަޤީޤަތެއްކަމަށެވެ. އަދި އިޤްތިޞާދަށް މިއަންނަ ބަދަލުތަކާއެކު، ދަޢުލަތައް އާމްދަނީ އިތުރުވާނޭ ގޮތްތައް ހޯދައި ދެނެގަންނަންޖެހޭކަމަށާއި، ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކަށް ސަބްސިޑީ ހަމަޖައްސަވާގޮތަށް އަދި އެ ނޫން ފަރާތްތަކަށް ކާޑުގެ ސްބްސިޑީ ނުލިބޭގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާޢީދުކުރައްވާކަމަށެވެ. 

މުޙައްމަދު އިސްމާޢީލް ވިދާޅުވީ، އެޤައުމަކަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި، ބިދޭސީންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނޭހެން ހުރިހާ އެންމެނަށް ސަބްސިޑީ ލިބޭގޮތަށް ހަމަޖެއްސުމަކީ އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކަންކުރާ އުސޫލު ނޫންކަމަށެވެ. އަދި ރާއްޖޭގައިވެސް ޓާގެޓް ސަބްސިޑީއެއް އޮންނަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި، އެކަމުގެ ސަބަބުން ފައިދާކުރާނީވެސް ހުދު ރައްޔިތުންނަށްކަމަށެވެ.

"ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެޤައުމަށް ވަންނަ ފަތުރުވެރިންނާއި، ބިދޭސީ މަސައްކަތު މީހުންނަށް ސަބްސިޑީ ދެނީ؟ އަޅުގަނޑެއް ނުދެކެން އިނގޭތޯ! އެޤައުމެއްގައި ސަބްސިޑީ ހައްޤުވާ ފަރާތްތަކަށް ސަބްސިޑީ ދެއްވާނީ. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ޓާގެޓް ސަބްސިޑީއެއް އަޅުގަނޑުމެންގެ ތެރޭގައި ތަޢާރަފުވާން އެބަޖެހޭ. މިއީ ޤައުމުގެ ތަރައްޤީއަށް ރައްޔިތުން ދެކެ ލޯބިވާތީ، ރައީސް ޔާމިން އެޅުއްވި ވަރަށްވެސް ހަރުދަނާ ފިޔަވަޅެއް. މީގެ ރަމްޒުކޮށްދެނީ އެމަނިކުފާނުގެ އިޙްލާސްތެރިކަމާއި، ކެތްތެރިކަން" ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ކާޑުގެ ސަބްސިޑީ ހައްޤުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދެއްވާގޮތަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ސަބްސިޑީއާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ދޮގު މަޢުލޫމާތުތަކެއް ފަތުރާ، ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނަގާލުމަށްކަމަށެވެ. އަދި ޤައުމުގެ ހެވާ ލާބަޔަށް މަސައްކަތް ކުރުމަށް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބަވައިގެން ޤައުމާމެދު ކުޑަވެސް އިޙްލާސްތެރިކަމެއް ހުރިނަމަ، ޤައުމުގެ އިޤްތިޞާދު ފުޑުފުޑުކޮށްލާ، ރާއްޖެއާމެދު ބޭރު ދުނިޔޭގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް މަސައްކަތް ނުކުރާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން މިކަމަށްޓަކައި އިޙްލާސްތެރިކަމެއް އޮތް ނަމަ، އެބޭފުޅުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 3 އަހަރުވަންދެން ދަޢުލަތުގެ ބަޖެޓް ހުށައެޅުމުން، ބަޖެޓަށް ވޯޓު ނުދީ، މިއަދު ޓާގެޓް ސަބްސިޑީއަކާއި ދިމާލަށް ރާއްޖެ މިސްރާބު ޖެހުމުން، ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދޭ ބައެއްގެ ނަމުގައި އަރާ ކުއްލި މައްސަލައެއް ހުށައަޅާ، މިކަންކަމަށް ވަކާލާތު ކުރުމަކީ އަޅުގަނޑު މިއަދު ބަލައިގަންނާނެ ކަމެއް ނޫން. މިއަދު މިކަން ކޮށްގެން މިއުޅެނީ ހަޤީޤަތުގައިވެސް މިޤައުމުގައި ފިތުނަ ފަސާދަ އުފެއްދާ، ޤައުމު މުޅިން އެހެން މަގަކަށް ގެންދިއުމަށްޓާ ކުރާ މަސައްކަތެއް" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި އެމް.ޑީ.އޭގެ ޕާލަމަންޓްރީގެ ގްރޫޕްގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ރައްޔިތުންގެ ކުރިއެރުމަށާއި ތަރައްޤީއަށް، އަދި ޤައުމުގެ ކުރިމަގަ ސަރުކާރުން ނިންމަވާ މިފަދަ މުހިއްމު ނިންމެވުންތަކަށް، ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގެ ހައިސިއްޔަތުން އެމް.ޑީ.އޭއިން އަބަދުވެސް ތާއީދުކުރައްވާނެކަމަށެވެ.

ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޫކުރައްވާ އުސޫލްތަކަށް ގެންނެވި ބަދަލުތަކާއި ގުޅިގެން، ސަބްސިޑީ އޭގެ ހައްޤުވެރި ފަރާތްތަކަށް ދެއްވުމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކުރައްވާ ސަރުކާރުން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ބޮލަކަށް 40 ރުފިޔާ އަދި ގޭބިސީއަކަށް 240 ރުފިޔާގެ ރޭޓުން ކޮންމެ މަހަކު ސަބްސިޑީދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ބޭނުންވާ ފަރާތްތައް އެންސްޕާގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.