ޚަބަރު

އުއްތަރް ޕްރަދޭޝަށް އެރި ބާރުގަދަ ތޫފާނެއްގައި 90 މީހުން މަރުވެއްޖެ


އިންޑިޔާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމުގައިވާ އުއްތަރް ޕްރަދޭޝްއަށް އެރި ނުރައްކާތެރި ތޫފާނެއްގައި، ވައިގަދަވެ، ވާރެއާއި ގަނޑުފެން ފޭބުމުގެ ސަބަބުން 90 އެއްހާ މީހުން މަރުވެއްޖެއެވެ. އެ ސްޓޭޓްގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ މަރުވި މީހުންގެ އަދަދު ކަށަވަރު ކޮށްދީފައެވެ.

އުއްތަރް ޕްރަދޭޝްގެ އިންސާނީ އެހީއާ ބެހޭ ކޮމިޝަނަރު ވިދާޅުވީ، މޭ 13 ވަނަ ދުވަހު އެރި ބާރުގަދަ ތޫފާނާ ގުޅިގެން މަރުވި މީހުންގެ އަދަދު 89 އަށް އުފުލިފައިވާ ކަމުގައެވެ. މީގެ އިތުރުން، މި ހާދިސާގައި 53 މީހަކަށް އެކިވަރުގެ އަނިޔާ ލިބި، 87 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 114 ނައަމްސޫފި މަރުވެފައިވާ ކަމުގައި ވެސް އޭނާ ހާމަކުރެއްވިއެވެ.

މީޑިއާތަކުން ޢާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ، ގަދަ ވަޔާއެކު ބޮޑެތި ގަސްތަކާއި މަގުމަތީގައި ހަރުކޮށްފައި ހުރި ބިލްބޯޑު ފަދަ ތަކެތި ވެއްޓިފައިވާ މަންޒަރެވެ. އޭގެ ތެރެއިން ބައެއް ތަކެތި ޕާކުކޮށްފައިހުރި އެއްގަމު އުޅަނދުފަހަރުގެ މައްޗަށް ވެއްޓިފައިވާއިރު، ބާޒާރުތަކުގައި ހުރި ފަރުނީޗަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ސްޓޭޓްގެ އިންސާނީ އެހީއާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ އޮފިޝަލަކު ބުނީ، މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ވެއްޓިފައިވާ ގަސްތަކާއި، އިމާރާތްތަކުގެ ފާރުތަކުގެ ދަށުވެގެން ކަމުގައެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރްތިޔަ ޖަންތާ ޕާޓީން (ބީޖޭޕީ) ވެރިކަންކުރާ އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ވަނީ، ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، 24 ގަޑިއިރުގެ ތެރޭގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާފައެވެ.