ރާއްޖޭގައި ހުރި ސަގާފީ އަސާރީ ތަކެތި މުޅި ދުނިޔެއަށް ފެންނާނެހެން ޑިޖިޓަލައިޒްކުރުމަކީ މުހިންމު ކަމެއްކަމުގައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަންނާއި ސަޤާފަތާއި ތަރިކަ ރައްކާތެރި ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައްވާ ވަޒީރު ވިދާޅުވީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 5 މިސްކިތެއް ހިމެނުމަށް ހުށަހަޅާފައިވާކަމަށެވެ. އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެފަދަ ތަންތަން ރަނގަޅަށް ބެލެހެއްޓުމަށް މުވައްޒަފުންނާއި ވަޞީަލަތްތައް ހޯދުމަކީ ވަރަށް ބޮޑު ޚަރަދު ހިނގާކަމެއްކަމަށެވެ.
ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނިގެން ދިޔުމަކީ ފަންނީ ގޮތުންނާއި މާލީ ގޮތުންވެސް އެތަންތަން ބެލެހެއްޓުމަށާއި އެހެނިހެން ކަންތައްތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން އެހީ ހޯދުމަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. މިއީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މިތަންތަން ހިމެނުމަކީ ރާއްޖެއަށްވެސް ލިބޭނެ ބޮޑު ފަޚުރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ ގަލު ވަޑާމުން ބަހައްޓާފައި ހުރި މިސްކިތްތަކެއް. އެމިސްކިތްތަކަކީ ރާއްޖޭގެ އިސްލާމީ ޙަޞާރަތް އުފެދިގެން އައި ގޮތް ދައްކުވައިދޭ ކަންތައްތަކެއް އެބަހުރި. މިފަދަ އެތައް ކަމެއް ޕްރޮމޯޓް ކުރެވި، ރާއްޖޭގެ ސަޤާފަތާއި އޭރު ކާބަފައިން ކުރައްވާފައިވާ މަސައްކަތްތައް ދައްކާލުމަށް ލިބޭ ފުރުޞަތެއް މިއީ." ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މުއްސަނދި ސަޤާފާތާއި ތާރީޚާއި ތަރިކައިގެ މަޢުލޫމާތުތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ހުރި ސަގާފީ އަސާރީ ތަކެތި މުޅި ދުނިޔެއަށް ފެންނާނެހެން ޑިޖިޓަލައިޒްކުރުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ މުއްސަނދި ސަޤާފާތް ދިރުވައި އާލާކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އުވެމުންދާ އާދަކާދަތަކާއި ފަންނުތައް ދިރުވަން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ނެތެމުން އުވެމުންދާ ބައެއްކަހަލަ މަސައްކަތްތައް ދިރުވާ އާލާކުރެވިދާނެކަމަށެވެ. އަދި އެފަދަ ފަންނުތަކުގެ އެހީގައި އާމްދަނީ ލިބޭނެ ގޮތްތަކެއްވެސް ފަހިވެގެންދާނެކަމަށެވެ.
ސަރުކާރުން މިހާރުވެސް ސަޤާފީ ބައެއްކަހަލަ އާދަކާދަތައްވެސް ދިރުވާ އާލާ ކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ހަނދާނުގައި ހުރި ރާއްޖޭގެ ތަރީޚާ ސަޤާފަތާ ގުޅޭ ވާހަކަތައް އެއްކުރުމުގެ މަސައްކަތްތައްވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.