2025ވަނަ އަހަރުން ފެށިގެން މިހާތަނަށް، ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 70 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް އދގެ ކުޑަކުދިންނާ ބެހޭ ފަންޑު، ޔުނިސެފުން ބުނެފިއެވެ. މިއީ ހަފްތާއެއްގެ މައްޗަށް އެވަރެޖުކޮށް އެއް މަރު ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ޔުނިސެފުގެ ތަރުޖަމާނު، ޖޭމްސް އެލްޑަރ ވިދާޅުވީ ހުޅަނގު އައްސޭރީގައި ޝަހީދުވި ކުޑަކުދިންގެ ތެރެއިން 93 އިންސައްތަ ކުދިންނަކީ ޔަހޫދީ ސިފައިން ޝަހީދުކޮށްލާފައިވާ ކުދިން ކަމަށެވެ. 850 ކުއްޖަކަށް ޒަޚަމްވެފައިވާއިރު، އެ ކުދިންނަށް އެ އަނިޔާތައް ލިބިފައި ވަނީ ލައިވް ވަޒަނުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުޅަނގު އައްސޭރީގެ ކުޑަކުދިންނަށް ޔަހޫދީން ޙަމަލާތައް އަމާޒުކުރަމުން ދަނީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ދެ އަހަރު ދުވަސް ވަންދެން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދިނުމަށްފަހު، ޣައްޒާގައި ނަމެއްގައި ޙަމަލާ ބަދަލުކުރުން މެދުލަނޑާލާފައިވާ ނަމަވެސް ޔަހޫދީންގެ ޙަމަލާތައް ދަނީ ޣައްޒާގެ ރައްޔިތުންނަށް ތަކުރާރުކޮށް އަމާޒުވަމުންނެވެ. އޭގެ އިތުރުން ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ޒަރޫރީ ސާމާނު އެތެރެ ކުރުމަށް ވެސް ޔަހޫދީން ދަނީ ދަތިކުރަމުންނެވެ.
ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ މައި ހަސްފަތާލު ކަމުގައިވާ ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި ކިތަންމެ ވަސީލަތްތައް މަދު ނަމަވެސް ގިނަ ޢަދަދެއްގެ ބަލި މީހުންނަށް ފަރުވާދެއެވެ. އެ ހަސްފަތާލަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ޖޮންޖެހުމަކީ ފަރުވާ ދިނުމަށް ކޮންމެހެން މުހިންމު އޮކްސިޖަން ނުލިބުމެވެ. އެ ހަސްފަތާލުގައި އިންކިއުބޭޓަރުތަކަށް ލާފައި އެތައް ތުއްތު ކުދިންނެއް ތިބިއިރު، އައިސީޔޫގައި ވެންޓިލޭޓަރަށް ލާފައި ތިބި ޙާލު ބޮޑު ބަލި މީހުންގެ ޢަދަދު ވެސް މަދެއް ނޫނެވެ.
ނާސިރު މެޑިކަލް ކޮމްޕްލެކްސްގައި ދެ އޮކްސިޖަން ސްޓޭޝަން ހުރެއެވެ. މި މަރުކަޒުގެ ތެރެއިން މައި މަރުކަޒަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި ފަހުން އެ މަރުކަޒުން ޚިދުމަތް ދެވިފައެއް ނުވެއެވެ. އަދި އެ މަރުކަޒުތައް ހިންގުމަށް ބޭނުންވާ ތެލުގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ވެސް އެންމެ އެދެވޭ މިންވަރަށް އެ މަރުކަޒުތަކުން އޮކްސިޖަން އުފެއްފުމަށް ހުރަސްއެޅެއެވެ. އެއް މަރުކަޒުން ޚިދުމަތް ނުދެވޭ އިރު، ދެވަނަ މަރުކަޒަށް ބާރު ބޮޑުވެ، އެ މަރުކަޒު ވެސް ހުއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ހުސްވެފައިވާ އޮކްސިޖަން ފުޅިތައް ހަސްފަތާލުގެ ސަރަޙައްދަށް ގިނަވެފައިވާއިރު، އޮކްސިޖަން ނުލިބުމުގެ ސަބަބުން ކޮންމެހެން ދޭން ޖެހޭ ފަރުވާ ނުދެވިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ޔަހޫދީން ވަނީ ޣައްޒާގެ 34 އޮކްސިޖަން ސްޓޭޝަންގެ ތެރެއިން 15 މަޒުކަޒު ހަނގުރާމައިގައި ސުންނާފައިކޮށްލައިފައެވެ. ބާކީ ހުރި ސްޓޭޝަންތަކަށް ވެސް ބޮެޑެތި ގެއްލުންތައް ލިބިފައިވެއެވެ.
ޣައްޒާ ސިޓީ އަދި ޣައްޒާގެ އުތުރުގައި ހުރި ހަމައެކަނި އޮކްސިޖަން ސްޓޭޝަން ވެސް ދެންމެދެންމެ މަސައްކަތްކުރުން ހުއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އެ ސެްްޓޭޝަނަށް ލޯޑު ބޮޑުވެ، ތަކުރާރުކޮށް މައްސަލަތައް ދިމާވަމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. އޮކްސިޖަން ނުލިބޭ ޙާލަތަށް ގޮސްފި ނަމަ ބަލި މީހުންގެ ފުރާނައަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ވެސް ޞިއްޙީ ވުޒާރާއިން ފާހަގަކޮށްފަައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ކޮންމެހެން ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު ޣައްޒާއަށް އެތެރެނުވާ ނަމަ އެ ސަހަރުގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ. އޭގެ އިތުރުން ޣައްޒާގެ ޞިއްޙީ ސާމާނުގެ މެއިންޓެނަންސްއަށް ބޭނުންވާ ސްޕެއާ ޕާޓްތަކާއި އެހެން މެޝިނަރީއާއި އުޅަނދު ނުލިބުމަކީ އާންމުންނަށް ޚިދުމަތް ނުދެވޭ ސަަބަބެއް ކަމަށް ރަސްމީ އިދާރާތަކުން ފާހަގަކުރެއެވެ.