ޚަބަރު

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް


  • ޓްރެކް އަޅާނީ ހިތަދޫ، ފުވައްމުލަށް، ތިނަދޫ އަދި ކުޅުދުއްފުށީގައި

  • މިއީ އިންޑިއާގެ އެލްއޯސީ އެއްގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫއެއް

ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ ސިޓީތަކެއްގައި ވެސް ސިންތެޓިކް ޓްރެކް އަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތްތައް ފެށޭނެ ސީދާ ތާރީޚު ނުދެންނެވި ނަމަވެސް، މި އަހަރުގެ ތެރޭގައި މި ހުރިހާ ޓްރެކެއްގެ މަސައްކަތްތައް ވެސް ފެށޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"
"ހުރިހާ ސިޓީތަކެއްގައި ސިންތެޓިކް ޓްރެކްސް ހަދާގޮތަށް އޮންނާނީ ނިންމާފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި މަސައްކަތް ފަށަން ނިންމާފައި އޮތްކަމެއް އެއީ. ފެށޭނެ ޑޭޓެއް މިގަޑީ ދަންނަވާ ނުލެވުނަސް، މި އަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ ޕްރޮޖެކްޓުތައް ކުރިއަށްދާނެ".
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސިޓީތަކުގައި ސިންތެޓިކް ޓްރެކް އަޅަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެއްގެ ދަށުންނެވެ. މި އެލްއޯސީގެ ދަށުން ސިންތެޓިކް ޓްރެކް އަޅާނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގައެވެ.

މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކްރިކެޓް ދަނޑު ވަށައިގެން އަޅާފައިވާ ސިންތެޓިކް ޓްރެކަކީ ވެސް އިންޑިއާގެ ހިލޭ އެހީގައި އަޅާފައިވާ ޓްރެކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ޓްރެކްތަކުގެ މަސައްކަތް ނިމުމުން، އެތުލެޓިކްސްގައި ކުރިއަރާދާން ބޭނުންވާ އެތުލީޓުންނަށް ވަރަށް ފަހި، ބޮޑު ފުރުސަތެއް ފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.