ޚަބަރު

ދިވެސް އަކުރު ދަސްކޮށްދިނުމުގެ ކޯސް 20 ބައިވެރިންނާއެކު ފަށައިފި


  • ކޯހުގައި ބައިވެރިވުމަށް 100 އެއްހާ ފަރާތުން ޝައުޤުވެރިކަން ފާޅުކުރި

  • ކޯހުގައި ކިޔަވައި ދެއްވަނީ އަލްޤާރީ އަހުމަދު ރަޝީދު އަބްދުލްޤާދިރު

ދިވެސް އަކުރު ދަސްކޮށްދިނުމުގެ ކޯހުގެ އައު ބުރެއް 20 ބައިވެރިންނާއެކު ފަށައިފިއެވެ. މި ކޯސް ކުރިއަށް ގެންދަނީ ޤައުމީ ދާރުލްއާސާރު ބިނާގައެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިވެސް އަކުރު ދަސްކޮށްދިނުމުގެ ކޯހަކީ، ދިވެހި ބަސް ލިއުމުގައި އިހުގައި ބޭނުން ކުރި އަކުރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯސް ފަށާފައިވަނީ 20 ބައިވެރިންނާއެކުއެވެ.

ކޯސް ފައްޓަވައި ދެއްވައި ބައިވެރިންނާ ވާހަކަ ދައްކަވަމުން، ދިވެހިބަހުގެ އެކަޑަމީގެ ރައީސް ހަސަން ޝާކިރު މުޙައްމަދު ވަނީ ކޯހުގެ ތާރީޚަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ މި ކޯހަކީ މީގެ 40 އަހަރު ކުރިން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ކުރިއަށް ގެންދަމުން އަންނަ ކޯހެއް ކަމަށެވެ. އަދި ކޯހުގެ އެކިބުރުތައް ބާއްވާފައިވާއިރު، ބަހުގެ އެކަޑަމީންވެސް މިވޭތުވެ ދިޔަ 15 އަހަރުތެރޭ މިކޯސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ ކޯސް ފެށުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މީހުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

"މިކޯސް ފެށުމަށް އަޅުގަނޑުމެން އިޢުލާންކުރީމަ ވަރަށް ގިނަ މީހުން ބައިވެރިވި. 20 ޖާގަ އޮތަސް 100 އަށްވުރެ ގިނަ މީހުން، ކޯހުގައި ބައިވެރިވާން ހުށަހެޅި. އަޅުގަނޑުމެން ނެގީ 20 ޖާގަ. ކުރިއަށް އޮތްތާގައި އެހެން ބޭފުޅުންނަށް ފުރުސަތު އެރުވޭ ގޮތަށް ވެއްޖެއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނަން ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ދޭން." ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ހަސަން ޝާކިރު މުޙައްމަދު ވިދާޅުވިއެވެ.

ހަސަން ޝާކިރްގެ ވާހަކައިގައިވަނީ، ކޯހަށް ޤަވާއިދުން ހާޒިރުވެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހޯދުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެސް އަކުރު ދަސްކުރުމަކީ މުޢާމަލާތްކުރުމުގައި އެހެން ގޮތެއް ހޯދުމުގެ އިތުރަށް، ދިވެހި ތާރީޚަށްވެސް މީހާ ލޯހުޅުވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެސް އަކުރު ދަސްކޮށްދިނުމުގެ ކޯހުގައި ކިޔައިދެއްވަނީ، މީގެ ގިނަ ކޯސްތަކެއްގައި ކިޔަވައި ދެއްވާފައިވާ މިދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، އަލްޤާރީ އަހުމަދު ރަޝީދު އަބްދުލްޤާދިރެވެ. އޭނާގެ އެހީތެރިއެއްގެ ގޮތުގައި ޚަދީޖާ ހަސަން މަނިކު ބައިވެރިވާއިރު، މިދެބޭފުޅުންނަކީވެސް ތަޖުރިބާކާރު ދެ ބޭފުޅުންކަން ދިވެހި ބަހުގެ އެކަޑަމީން ފާހަގަކުރެއެވެ.

ދިވެސް އަކުރު ކިޔަވައިދިނުމުގެ މިކޯހަކީވެސް ބަހުގެ އެކަޑަމީގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމުކަމެއްކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.