ޚަބަރު

އަދަދުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ޤަޛުފުގެ ދަޢުވާ


  • ވަކި ގޮތަކަށް އަމަލު ނުކުރުމަށް ކޯޓު އަމުރެއް ވަނީ ނެރެފައި

  • އަމުރު ނެރެފައިވަނީ ދެ ފަރާތުގެ ހައްޤުތައް ހިމާޔަތް ކުރުމަށް

އަދަދު ނޫހުން ޝާޢިއު ކުރި ޑޮކިއުމެންޓަރީ މައްސަލައިގައި އެނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އަދަދޫގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ޤަޛުފުގެ ކުށުގެ ދަޢުވާއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުކޮށް އެ ނޫހުން ނެރެފައިވާ ޑޮކިމެންޓަރީ މައްސަލާގައި ކުރާ ދައުވާއެކެވެ.

އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން އުފުލާފަައިވަނީ ޤަޛުފުގެ ކުށުގެ ދައުވާއެވެ.

މިމައްސަލަައިގައި ޕީޖީން ވަނީ ދައުވާކުރުމާއި އެކު ވަކި ގޮތަކަށް ޢަމަލުނުކުރުމުގެ ޢަމަރުކަށްވެސް އެދިފައެވެ. އެއާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން މިމައްސަލައަކީ އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތުހުމަތުކޮށް އެ ނޫހުން ނެރެފައިވާ ޑޮކިމެންޓަރީ މައްސަލާގައި ކުރާ ދައުވާއެކެވެ. މި މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ އާދިއްތަ ދުވަހުއެވެ.

ދައުވާ ކުރުމަށް އެދި ހުށަހެޅިއިރު، ވަކި މައްސަލައިގެ ޝަރީޢަތް ހިންގަމުންދާ މުއްދަތުގައި ކޯޓުން ވަކި ގޮތެއް އަންގަންދެން ވަކި ގޮތަކަށް ޢަަމަލު ނުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ. މި އަމުރަށް އެދިފައިވަނީ ސުޕްރީމްކޯޓުގައި މީގެ ކުރިން ހިނގާފައިވާ ދެ މައްސަލައެއްގައި މިފަދަ އަމުރެއް ނެރެފައިވާތީ އެކަމަށް ރިޢާޔަތްކޮށެވެ.

ކްރިމިނަލް ކޯޓުން ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގާ ޤާޟީ މުޒައްމިލު ނާޞިރު ސޮއިކޮށް ނެރުއްވި އަމުރުގައި މައްސަލައާ ގުޅުން ހުރި ކަންކަން ވަނީ ފާހަގަކޮށްފައެވެ.

ކޯޓުން ފާހަގަކުރި ނުކުތާތައް:

ޤަޛްފުގެ ކުށަކީ އިސްލާމީ ޝަރީޢާގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށްވާއިރ،ު މިކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވާ ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަން މިހައި ބޮޑަށް އިސްލާމްދީނުގައި ނަހީ ކުރައްވާފައިވަނ،ީ އަބުރު ރައްކާތެރިކުރުމަށާއި ޢިއްޒަތުއް ނަފްސު ރައްކާތެރިކުރުމުގެ ގޮތުންކަމަށް ކޯޓު އަމުރުގައި ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ދައުވާ އުފުލިގެންވާ ހާލަތުގައިވެސް ޤާނޫނު އަސާސީ އިން ދަޢުވާ ލިބޭ މީހާއަށް އަދި ކުށުގެ ޝިކާރައަށްވީ މީހާއަށް ހައަޤުތަކެއް ކަށަވަރުކޮށްދޭ ކަމަށެވެ. މިގޮތުން ޤާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ނަމާ އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާހައްޤެއް ކަމަށާއި، 51 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއްކުރީކަމަށް ޤާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތްކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ޝަރީޢަތުގެ މަރުހަލާގައި މައްސަލަ އޮންނަ ހާލަތުގައިވެސް، މި ހައްޤުތައް ބެލެންސް ވެގެންދާނެ ފަދައަކުން ދަޢުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަށްވީ ފަރާތުގެ ހައްޤުތައް ހަމަހަމަކުރެވެންޖެހޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ. އެފަދައިން އަމަލު ނުކުރެވޭނަމަ އިޔާދަނުކުރެވޭނެފަދަ ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެ، އަދި މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން، ޤާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނާއި އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކުރެއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަކީ އާންމު ގޮތެއްގައި ހުޅުވާލެވިގެން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކެއް ކަމުގައިވީނަމަވެސް، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި މިކަމަށް އިސްތިސްނާތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން ޖިންސީ މައްސަލަތަކާއި އެބާވަތުގެ އަޚްލާޤީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ކުރިއަށް ގެންދެވެނީ ޝަރީޢަތްތައް ހުޅުވާނުލައި ކަމަށްވާއިރު އެއީ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ޢަމަލުކުރާ ގޮތެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި އުސޫލުގެ މަޤްސަދަކީވެސް ދަޢުވާ ލިބޭ ފަރާތުގެ ޙައްޤާއި ކުށުގެ ޝިކާރައަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުންކަން ކޯޓުން ނެރުނު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މި ނުކުތާތަކަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ 3 ކަމެއް ހިމެނޭހެން ވަކި ގޮތަކަށް ޢަމަލު ނުކުރުމުގެ ޢަމުރެއް ނެރެފައެވެ. އެކަންކަމަކީ؛

ކޯޓުން ކޮށްފައިވާ ޢަމުރު

1. ދަޢުވާ ކުރެވިފައިވާ ހާދިސާ އާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއ،ި މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއ،ި ޝަރީޢަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް.

.2 މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުނ،ް އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި
މަޢުލޫމާތުތައް ނުފެތުރުމަށް.

.3 މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގަކާމަށް.

މިމައްސަލާގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގާފައިވާއިރު، އަދަދު ނޫހުގެ އިސް ދެވެރިންގެ ޕާސްޕޯޓުވެސް މިމައްސަލަ އާއި ގުޅިގެން ހިފަހައްޓާފައިވެއެވެ. އަދި އެއްވެސް އެ ނޫހުގެ އޮފީސްވެސް ތަހުޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލާ ފާސްކޮށްފައެވެ.