ޚަބަރު

ހަނގުރާމައިގެ ދަތިތަކުން އަރައިގަތުމަށް އާސިއާންގެ ނިންމުންތަކެއް


މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ އިޤްތިޞާދުތަކަށް ކުރާ އަސަރު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ޤައުމުތަކުގެ އިސްވެރިން އެއްބަސްވުމަކާ ހަމައަށް އައިސްފިއެވެ.

މެއި މަހުގެ 8ވަނަ ދުވަހު އާސިއާންއަށް ނިސްބަތްވާ ޤައުމުތަކުން ވަނީ ފިލިޕީންސްގައި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތް އޮތުމާ ގުޅޭ ގޮތުންނެވެ.

ޤައުމުތަކުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަހު އޮތް އޮތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން ޤައުމުތަކުން ތެޔޮ ޙިއްޞާކުރާނެ ކުރާނެ އޮނިގަނޑެއް އެކުލަވައިލުމަށް އެއްބަސްވެފައެވެ. ނަމަވެސް އެ މަޝްރޫޢު ކުރިއަށް ގެންދާނީ ކޮން އުސޫލެއްގެ ދަށުން ކަމެއް ސާފެއް ނުވެއެވެ. އެ ފަދަ އޮނިގަނޑެއްގެ ތަފްޞީލްތަކާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި ނިންމުންތައް ނިންމަންޖެހެއެވެ. އެ ގޮތުން އެ އޮނިގަނޑުގެ ދަށުން އިސްކަންދޭނީ ކޮަން ޤައުމުތަކަކަށް ކަން ވެސް ނިންމަން ޖެހެއެވެ.

އާސިއާންގެ މުޤައްރިރު އަދި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޮސް ޖޫނިޔަރ ވަނީ ބައްދަލުވުމުގެ ނަތީޖާއަށް މަރުޙަބާ ކިޔުއްވައިފައެވެ. ނަމަވެސް މިއީ މީގެ ކުރިން ޤާއިމްކޮށްފައި ނުވާ ފަދަ އެއްބަސްވުމަކަށް ވާތީ އަދިވެސް އިތުރު ކަންކަން ރާވާ އިންތިޒާމް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވެސް ފިޔަވަޅުތަކެއް އެޅުމަށް ޤައުމުތަކުން އެއްބަސްވެފައިވެއެވެ. އެ ގޮތުން ސަރަޙައްދީ ހަކަތަ ވިއުގައެއް ޤާއިމްކުރުމާއި ތެޔޮ ރައްކާކޮށްފައި ބެހެއްޓުން ހިމެނެއެވެ. އަދި މެދުއިރުމަތިން އެތެރެކުރާ ހަކަތައަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ވެސް އެއްބަސްވެފައިވެއެވެ. އާސިއާންގެ ޤައުމުތަކުން އެތެރެކުރާ ސާފުނުކުރާ ތެލުގެ ދެބައިކުޅަ އެއްބަޔާއި ޤުދުރަތީ ގޭހުގެ 17 އިންސައްތަ އެތެރެކުރަނީ މެދުއިރުމަތިންނެވެ. މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ފިލިޕިންސް ވެފައި ވަނީ ރައްކާކޮށްފައި ހުރި ހަކަތަ ބޮޑުތަނުން މަދުވެ، ޤައުމީ ކުއްލި ޙާލަތެއް އިޢުލާނުކޮށްފައިވާ ފުރަތަމަ ޤަައުމަށެވެ.

މާކޮސް ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.