ޚަބަރު

އަލް ހިލާލް އިން ސައުދީ ކަޕް ކާމިޔާބުކޮށްފި


ސައުދި އަރަބިއްޔާގެ ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލް އިން ހޯދައިފި އެވެ.

ސިމޯން އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް ހިލާލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އަލް ޚުލޫދް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ ސިމޯން އިންޒާގީ އެ ކްލަބާއި ހަވާލުވުމަށްފަހު ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި އަލް ޚުލޫދުގެ އާޖެންޓީނާ ފޯވަޑް ރަމިރޯ އެންރީކޭ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އަލް ހިލާލްގެ ނާސެރް އަލް ދައުސާރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އަލް ހިލާލް މޮޅުވި ލަނޑު އެ ޓީމަށް މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދީފައިވަނީ ތިއޯ ހެނާންޑޭޒް އެވެ.

ސައުދީ ކިންގްސް ކަޕް ކާމިޔާބު ކުރުމަށްފަހު އަލް ހިލާލް އިން ދެން އަމާޒު ހިފާނީ ސައުދީ ޕްރޯ ލީގުގައި އަންނަ އަންގާރަ ދުވަހު އަލް ނަސްރު އާއި ދެކޮޅަށް ކުޅޭ މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށެވެ. ތާވަލުގެ ކުރީގައި މިވަގުތު އޮތް އަލްނަސްރު އަތުން މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި އަލް ހިލާލަށް ވާދަކުރެވޭނެ އެވެ.