އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ތިން ގައުމުގައި ވެސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ފީފާއިން ނިންމައިފި އެވެ.
ނަމަވެސް މުބާރާތް ހުޅުވުން ރަސްމީކޮށް ބާއްވާނީ ފުރަތަމަ މެޗު ކުޅޭ މެކްސިކޯގަ އެވެ. އެކަމަކު ކެނެޑާ އާއި އެމެރިކާގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން ވެސް މުބާރާތް ހުޅުވަން ކުރު ރަސްމިއްޔާތެއް ބާއްވާނެ އެވެ.
މެކްސިކޯގެ ރަސްމިއްޔާތުގެ ދިގު މިނަކީ 16 މިނިޓާއި ބައެވެ. އަނެއް ދެ ގައުމުގައި ބާއްވާ ރަސްމިއްޔާތުގެ ދިގު މިނަކީ 13 މިނިޓެވެ.
ކެނެޑާގައި ބާއްވާ ރަސްމިއްޔާތުގައި އެ ގައުމުގެ ލަވަކިއުންތެރިން ކަމަށްވާ މިޝޭލް ބޫބްލް އާއި އަލާނިސް މޮރިސްސޭޓޭ އާއި އެލެސިއާ ސާރާ ލަވަކިޔާނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ ކެނެޑާއި ބޮސްނިއާ ވާދަ ކުރާ މެޗުގެ ކުރިންނެވެ.
އޭގެ ފަހުން އެމެރިކާ އާއި ޕެރަގުއޭ ކުޅޭ މެޗުގެ ކުރިން ސޯފީ ސްޓޭޑިއަމުގައި ބާއްވާ ރަސްމިއްޔާތުގައި ކަޓޭ ޕެރީ އާއި އެމެރިކާގެ ބަނގްލްދޭޝް ދަރިކޮޅުގެ ލަވަކިއުންތެރިޔާ ސަންޖޯއި ވެސް ލަވަކިއާ އެވެ. އަދި ތައިލެންގެ ރެޕް ލަވަކިއުންތެރިޔާ ލިސާ އާއި ދެކުނު ކޮރެޔާގެ އަންހެނުންގެ ގްރޫޕެއް ވެސް ބައިވެރިވާނެ އެވެ.
ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މުބާރާތް ހުޅުވަން ކުޅޭނީ މެކްސިކޯ އާއި ދެކުނު އެފްރިކާ އެވެ. މެކްސިކޯގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި މެކްސިކޯއިން ގްރެމީ އެވޯޑް ހޯދާފައިވާ ބޭންޑް މާނާ އާއި ޕޮޕް ލަވަކިއުންތެރިޔާ އަލެހަންދްރޯ ފެނާންޑޭޒް އާއި އަދި ބެލިންޑިއާ ދެކުނު އެފްރިކާގެ ޓޭއިލާ ވެސް ލަވަކިއާނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕުގެ އެންމެ ބޮޑު މައްސަލައަކަށް ދިމާވެގެން އުޅެނީ ޓިކެތް އަގުބޮޑުވުމެވެ.