ކުޅިވަރެއްގެ ގޮތުގައި ޝޫޓިން ރާއްޖެއަށް ތައާރަފްވެގެން އައީ މީގެ 33 އަހަރުކުރިންނެވެ. ދިގު ތާރީޚެއް އޮތް މިކުޅިވަރުކުޅުމުގެ ފުރުސަތު ދާދި ފަހަކާޖެހެންދެން ހަމައެކަނި ލިބިފައިވަނީ ސިފައިންނަށް އެކަންޏެވެ.
އެގޮތަށް އެކަންކުރަމުން އައި ސަބަބުތަކުގެ ތެރޭގައި މިއީ ހެވިކަމާއި ހަތިޔާރާއި ގުޅިފައިވާ ކުޅިވަރަކަށްވުމާއި ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް ހަތިޔާރަކީ ވަކި ލައިސަންސެއް އޮވެގެން މެނުވީ އާންމުންނަށް ވިއްކާ އެއްޗަކަށް ނުވުން ހިމެނެއެވެ. އަދި ހަމައެޔާއެކު، ގަވާއިދެއް އުސޫލެއް ނެތި މި ކުޅިވަރު ކުޅެފިނަމަ ގައުމުގެ އަމަންއަމާންކަމަށް ބުރޫ އަރާނެފަދަ ކަމަކަށް މިކަން ވުމަކީ އަނެއް ސަބަބެވެ.
1993 ވަނަ އަހަރު ސިފައިންގެ ތެރެއިން މިކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ޝޫޓިން ޓީމެއް އުފެއްދިއެވެ. އެ ޓީމުގެ ފަރިތަކުރުންތައް އޭރު ބާއްވަމުން ދިޔައީ އޭރުގެ ވިލިނގިލި، ނުވަތަ މިހާރު ގޮތުންނަމަ ވިލިމާލޭގައި އެކަމަށްޓަކައި ތައްޔާރުކުރި ރޭންޖެއްގައެވެ. އެ ދުވަސްވަރު ޝޫޓިން ކުޅިވަރުގައި ބޭނުންކުރަމުންދިޔައީ ޓޫ ޕޮއިންޓް ޓޫ ޕިސްޓަލް އަދި ރައިފަލްއެވެ. އެއީ މިހާރު ބޭނުންކުރަމުންދާ އެއާ ރައިފަލްއާ އަޅާކިޔާނަމަ ފިސާރި އަޑުގަދަ ހަތިޔާރެއްކަމަށް ވެއެވެ.
މިކުޅިވަރު ތައާރަފްވެގެން އައި ދުވަސްވަރު، މި ކުޅިވަރަކީ ފިރިހެންވަންތަ ނުވަތަ ފިރިހެނުންނަށް ޚާއްސަ ކުޅިވަރެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެހެންނަމަވެސް ބޯދާ މިވިސްނުން ބަދަލުކޮށް މިކުޅިވަރުގެ ތެރެއަށް ކަނބަލުންތަކެއް ވަދެ، ތާރީޚް ބަދަލުކޮށްލިއެވެ. ފިރިހެނުންނެކޭ އެއް ސަފެއްގައި އެތުރި، ހިތްވަރާއެކު ނުކުމެ، މުބާރާތްތަކުގައި ވާދަކޮށް ތަފާތު ދައްކަންފެށިއެވެ.
1997 ވަނަ އަހަރު އިންޑިއާގެ ދިއްލީގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޗެންޕިއަންޝިޕްގެ ފްރީ ރައިފަލް ޕްރޯން މެންސް އިވެންޓުން ލިބުނު ލޯ މެޑައްޔާއި ސްޓޭންޑަޑް ޕިސްޓަލް މެންސް އިވެންޓުން ހޯދި ރިހި މެޑައްޔާއެކު ޝޫޓިން ކުޅިވަރުގައި ރާއްޖެއިން ބައިނަލްއަގްވާމީ ފުރަތަމަ ކާމިޔާބީ ހޯދިއެވެ. އެއަހަރަކީ ހަމައެކަނި ރާއްޖޭގެ ފިރިހެން ޝޫޓަރުންނަށް ކާމިޔާބުތަކެއް ލިބުނު އަހަރެއް ނަމަވެސް، އެ ކާމިޔާބީގެ ސަބަބުން އިތުރު ޖޯޝެއްލާ 1999 ވަނަ ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކޮށް ޕިސްޓަލް ވިމެން ޓީމް އިވެންޓުން ލޯ މެޑައްޔެއް ކަށަވަރުކޮށް ރާއްޖޭގެ އަންހެން ޝޫޓަރުން ތާރީޚުން ޖާގަ ހޯދިއެވެ. ހަމަ އެމުބާރާތުގައި ވާދަކުރި ރެޕިޑް ފަޔަރ މެންސް އިވެންޓުންނާއި ސެންޓަރ ފަޔަރ ޕިސްޓަލް މެންސް ޓީމް އިވެންޓުން ރާއްޖޭގެ ޓީމު އިތުރު ދެ ލޯ މެޑަލްވެސް ހާސިލްކުރިއެވެ.
އަންހެން ޝޫޓަރުން ހޯދަމުންދާ ކާމިޔާބީއަށް އިތުރުވި ދެވަނަ ބޮޅަކީ 2014 ވަނަ އަހަރު ސްރީލަންކާގައި ކުރިއަށްދިޔަ ނޭވީ އޯޕަން ޝޫޓިން ޗެންޕިއަންޝިޕުގައި ވާދަކޮށް 25 މީޓަރު ސްޕޯޓްސް ޕިސްޓަލް ވުމަންސް އިވެންޓުން ހޯދި ލޯ މެޑައްޔެވެ.
ޝޫޓިން ކުޅިވަރު ކުރިއެރުވުމަށްޓަކައި އާންމުންނަށް މި ކުޅިވަރު 2022 ވަނަ ހުޅުވާލުމާއެކު ބޮޑު ތަރުހީބެއް ލިބި، ސްކޫލްތަކުން ގިނަ އަދަދަކަށް ދަރިވަރުން މި ކުޅިވަރުގެ ތެރެއަށް ވަނެވެ. ޒުވާން ހުނަރުވެރި ޝޫޓަރުން ކުޅިވަރުން އުފެއްދުމަށް ހިންގުނު ވައިޑީޕީ ޕްރޮގްރާމްތަކުގެ ނަތީޖާއަކަށްވީ ހީވެސް ނުކުރާވަރުގެ ހުނަރު މިކުދިންގެ ތެރެއިން ފާހަގަވެގެންދިއުމެވެ.
2025 ވަނަ އަހަރުވެގެން ދިޔައީ ޝޫޓިން ކުޅިވަރުގައި އަނެއްކާވެސް ފަޚުރުވެރި ވަނައެއް ރާއްޖެއިން ހާސިލްކުރި އަހަރަކަށެވެ. މި ޝަރަފުވެސް ގައުމަށް ގެނެސްދީފައިވަނީ އަންހެން ޝޫޓަރަކަށްވާއިރު، މިއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން މިހާތަނަށް މި ކުޅިވަރުގައި ހޯދި އެންމެ ފަޚުރުވެރި ނަތީޖާ ކަން ފާހަގަކޮށްލަމެވެ. އުމުރުން އެންމެ 15 އަހަރުގައި ވުމަންސް އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑައްޔެއް މަރިޔަމް އީޝަލް މިސްބާހް ހޯދާފައިވަނީ 21 ގައުމެއްގެ ޝޫޓަރުން ފަހަތަށް ޖައްސާލުމަށްފަހުއެވެ. ތަޖުރިބާއާއި ޒަމާނީ ވަސީލަތްތައް ނެތި އީޝަލް ގައުމަށް ގެނެސްދިން ވަނައަކީ ޝޫޓިން ކުޅިވަރުގެ ތާރީޚުގައި ރަނުން ފެވުނު ކާމިޔާބީއަކަށްވިއެވެ.
މީގެ އިތުރުން ޝޫޓިންގެ ގައުމީ ރިކޯޑްތަކަށް ބަލާއިރު، 10 މީޓަރ އެއާ ރައިފަލް ކެޓަގަރީއިން ރިކޯޑް ހަދާފައިވާ އާއިޝަތު އީޝާ ޝަހީދުގެ ސްކޯ، މި ކެޓަގަރީގެ ރިކޯޑް ހަދާފައިވާ ފިރިހެން ޝޫޓަރަށްވުރެ މަތިކަން ފާހަގަވެއެވެ. މި ކެޓަގަރީގެ ދެވަނައިގައި އޮތް އަންހެން އަދި ފިރިހެން އެތުލީޓުންގެ ސްކޯއަށް ބަލާލުމުންވެސް ފާހަގަވީ އަންހެން ޝޫޓަރުގެ ސްކޯ މަތިކަމެވެ. އަދި މިއަހަރުގެ ޖޫނިއާ ޝޫޓިން މުބާރާތުގައިވެސް އަންހެން ޝޫޓަރުން ގިނަ އަދަދަކަށް ފެނިގެންދިޔަކަމީ މި ކުޅިވަރުގައި އަންހެން ކުދިން ޖެހިލުމެއްނެތި ފައިތިލަ ސާބިތުކޮށްފިކަމުގެ ހެއްކެކެވެ.
ޝޫޓިންގައި އަންހެން ކުދިން ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީތަކާ ގުޅިފައިވާ އެންމެ މުހިންމު އެއް ބަޔަކީ ޝޫޓަރުން ތަމްރީނުކުރުމުގައި ހަރަކާތްތެރިވަމުންދާ ކޯޗުންނެވެ. އެފަދަ އެއް ކޯޗަކީ ގައުމީ ޝޫޓިން ޓީމުގެ ހެޑް ކޯޗް ހަސަން ޢަބްދުލްޣަފޫރެވެ. ހަސަންއާ ބައްދަލުވި ދުވަހެއްގައި މިކުޅިވަރުގައި އަންހެން ކުދިން ދައްކަމުންދާ ހުނަރު ތަފާތުކަމަށް ގަބޫލުކުރަންތޯ އަޅުގަނޑު ސުވާލު ކޮށްލީމެވެ.
"ތީ ހަމަ ވަރަށް ބޮޑު ތެދެއް. އަޅުގަނޑުމެންގެ ވޭތުވެދިޔަ ތަނުގަވެސް ނަތީޖާ މިފެންނަނީ މިގޮތަށް. އެންމެ ފަހުން މިދިޔަ އަހަރު ތައިލޭންޑުގައި ބޭއްވުނު މުބާރާތުގައި އީޝަލް މިވަނީ ސިލްވަރ މެޑަލް ހޯދާފަ. އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް. އަނެއްކޮޅުން ސްކޫލް ކުއްޖެއްގެ ގޮތުގައި ހުރެ މި ކާމިޔާބީ ހޯދީ. އެވެސް އަންހެން ކުއްޖެއް. އަނެއްކާ ސްކޯތަކަށް ބަލާއިރު ރައިފަލްގައި އަޅާކިޔާކަމަށްވަންޏާ ފިރިހެން ކުދިންނަށްވުރެވެސް އަންހެންކުދިންގެ ސްކޯ މަތި. ފިރިހެންކުދިންނަށް ނުވާނީކީ ނޫން. އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ އަންހެންކުދިން ރަނގަޅޭ މި ކުޅިވަރަށް" ކޯޗުގެ ޖަވާބު ވަރަށް ސާދާއެވެ.
މި ކުޅިވަރަކީ ކެތްތެރިކަން ހުރެގެން ކުޅެވޭނެ ކުޅިވަރެއްކަން ފާހަގަކުރަމުން ހަސަން ބުނީ އަންހެން ޝޫޓަރުން ހޯދަމުންދާ ކާމިޔާބީގެ ސިއްރަކީ އެކުދިންގެ ކިބައިގައި ހުންނަ ކެތްތެރިކަމުގެ ސިފަކަމަށް ގަބޫލުކުރެވޭކަމަށެވެ.
"ވެދާނެ މީ ވަރަށް ކެތްތެރިކަން ބޭނުންވާ ކުޅިވަރެއް. އަޅުގަނޑުމެންގެ ތެރޭގައިވެސް ދެކެވޭ ވާހަކައެއް މި، ސްނައިޕަރުންގެ ގޮތުގައި ތަމްރީނުކުރާ އަންހެންކުދިން، އެކުދިންގެ ކެތްތެރިކަމުގެ ބައި ވަރަށް ބޮޑުކަމަށް ފާހަގަކުރެވޭ. އެއީ ކަންނޭނގެ އަންހެންކުދިންނަކީ ވަރަށް ބޮޑަށް ކެތްތެރިކަން އިސްކުރާ ބައެއްވީމަ އެހެންވެ ކަންނޭނގެ ޝޫޓިންގައިވެސް އެހާ ބޮޑަށް ރަނގަޅީ" ކޯޗް ބުނެފަވެއެވެ.
ޝޫޓިން ކުޅިވަރުގައި އަންހެން އެތުލީޓުން ހޯދަމުންދާ ކާމިޔާބީތަކަކީ މި ކުޅިވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ. ޒަމާނީ ފެންވަރުގެ ވަސީލަތްތައް ނެތިވެސް، ރާއްޖޭގެ ޒުވާން ޝޫޓަރުން ދައްކަމުންދާ ހުނަރުން ދައްކުވައިދެނީ އަމާޒަށް ވަޒަން މިސްރާބުކުރާނެ ވަރުގަދަ ގައުމީ ޓީމެއް މުސްތަގުބަލުގައި އުފެދިގެންދާނެކަމެވެ. ހަމަޔަގީނުންވެސް އެޓީމުގައި ފަޚުރުވެރި އަންހެން ޝޫޓަރުންތަކެއް ތިބޭނެކަމީ އެއީ ކަށަވަރުކަމެކެވެ.