އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި މެދު އޯގާތެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އެންމެންގެ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ، ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.
ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ފަށާފައެވެ. އަދި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯޓަރީ ޤާއިމުކޮށް ޚިދުމަތް ދޭންވެސްވަނީ ފަށާފައެވެ.
ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހެވެ.