ތަޢުލީމު

ދިރާގުން ޓީޗަރުންނަށް ޚާއްސަ ހަދިޔާއެއް


ޓީޗަރުންގެ ދުވަހާ ގުޅިގެން ދިރާގުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ޚާއްޞަ އޮފަރތަކެއް ތަޢާރަފްކޮށްފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންސިއުމަރ މާކެޓް މެނޭޖަރ ޖަނާ އިބްރާހީމް ވިދާޅުވީ މި ދުވަހާ ގުޅުވައިގެން މުދައްރިސުންނަށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފިކްސް ބްރޯޑްބޭންޑްގެ މަހު ފީއިން 3 މަސްދުވަސް ވަންދެން %50 ޑިސްކައުންޓް މުދައްރިސުންނަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ދިރާގުން ނަގާ ބްރޯޑްބޭންޑް ޕެކޭޖަކާއެކު ހިލޭ "މައިފައި" ޑިވައިސްއެއް ނުވަތަ އޭޑީއެސްއެލް ރައުޓައެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އޮފާރގެ ދަށުން ދިރާގުން ވަނީ ޚާއްޞަ 2 މޯބައިލް ބްރޯޑްބޭންޑް ޕެކޭޖްވެސް ތައާރަފްކޮށްފައެވެ.

"މި އޮފާރގެ ދަށުން، ދިރާގުން ވަރަށް ޚާއްޞަ 2  މޯބައިލް ބްރޯޑްބޭންޑް ޕެކޭޖް ވަނީ ތައާރަފް ކޮށްފައެވެ. އެއީ 499 ރުފިޔާ ގެ މަހު ފީ އަށް 10 ޖީބީ ޑޭޓާ އަދި 699 ރުފިޔާގެ މަހުފީ އަށް 20 ޖީބީ ޑޭޓާ ލިބޭ ޕެކޭޖުތަކެއް. މި ޕެކޭޖްތަކުންވެސް ފުރަތަމަ 3 މަހުގެ މަހު ފީ އިން %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ހިލޭ "މައިފައި" ޑިވައިސެއް ލިބިވަޑައިގަންނަވާނެ" ޖަނާ އިބްރާހީމް ވިދާޅުވިއެވެ.

މި ޚާއްޞަ އޮފަރ ހޯދުމަށް ދިރާގުން ދޫކުރާ އެޕްލިކޭޝަން ފޯމުގައި ސްކޫލުގެ ރަސްމީ ތައްގަނޑު ޖަހައި، ދިރާގުގެ ސަރވިސް ސެންޓަރަކަށް ހުށައެޅުމުން މި އޮފަރ ނޮވެމްބަރުމަހުގެ ނިޔަލަށް ދޭނެކަމަށް ދިރާގުން ބުނެއެެވެ. އަދި މި ފޯމް ދިރާގުގެ ހުރިހާ ސަރވިސް ސެންޓަރަކުން ބަލައިގަންނާނެކަމަށްވެސް ދިރާގުން ބުނެއެވެ.