ކުޅިވަރު

ބްރެޒިލް، މޮރޮކޯ، ހައިޓީ އަދި ސެނެގާލް ނިއުޖާޒީ އަށް


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލާއި މޮރޮކޯ އަދި ހައިޓީ އާއި ސެނެގާލް ކޭމްޕް ކުރާނީ އެމެރިކާގެ ނިއުޖާޒީގައި ކަމަށް ނިންމައިފި އެވެ.

މި ހަތަރު ގައުމުން ވެސް މިހާރު ވަނީ ނިއުޖާޒީގެ ތަންތަން ބަލައި ކޭމްޕާ ކުރާނެ ސައިޓްތައް ވެސް ނިންމާފަ އެވެ. އަދި މި ހަފުތާގައި މިކަން ރަސްމީކޮށް އިއުލާނު ވެސް ކުރާނެ އެވެ.

ނިއުޖާޒީ އަކީ އެމެރިކާގެ ފުޓްބޯޅައިގައި އެންމެ ޑިމާންޑް ބޮޑު އެއް ސިޓީ އެވެ. ދެން އެންމެ ޑިމާންޑް ބޮޑީ ކެންސަސް ސިޓީގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިނގިރޭސިވިލާތާއި ނެދަލޭންޑްސް އާއި އަލްޖީރިއާއިން ތިބޭނީ ކެންސަސްގަ އެވެ.

ނިއުޖާޒީގައި ބްރެޒިލް ކޭމްޕް ކުރާނީ މޮރިސް ޓައުންޝިޕްގައި ހުންނަ ކޮލުމްބިއާ ޕާކް ޓްރޭނިން ސެންޓަރުގަ އެވެ. މިތަނުގައި 80 ޔާޑްގެ ބޮޑު ސަރަހައްދެއްގައި ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ޓްރޭނިން ސެންޓަރުގެ އަގު 100 މިލިއަން ޑޮލަރަށް އަރަ އެވެ. ނިއުޖާޒީ އަކީ އެމެރިކާގެ މަޝްހޫރު ރެޑްބުލް ޓީމު ކޭމްޕް ކުރާ ތަނެވެ.

ވޯލްޑް ކަޕުގައި ބްރެޒިލާއި ހައިޓީ އާއި މޮރޮކޯ ހިމެނެނީ ސްކޮޓްލޭންޑާއެކު ގްރޫޕް ސީގަ އެވެ. މިހެންވެ ހައިޓީ އާއި މޮރޮކޯ ވެސް ތިބޭނީ ބްރެޒިލްގެ ކޭމްޕާ މާދުރު ނޫން ހިސާބުގަ އެވެ. މި ގޮތުން މޮރޮކޯއިން ތިބޭނީ ޕިންގްރީ ސްކޫލްގަ އެވެ. މިއީ އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އިޓަލީ ޓީމު ކޭމްޕް ކުރި ތަނެވެ. ހައިޓީ ތިބޭނީ ގައްލޮވޭގަ އެވެ. މިއީ ބްރެޒިލްގެ ކުލަބު ފްލެމިންގޯއިން އާއްމުކޮށް ބޭނުން ކުރާ ޓްރޭނިން ސެންޓަރެވެ.

ފްރާންސާއި އިރާގާއި ނޯވޭއާއެކު ގްރޫޕް އައި ގައި ހިމެނެ ސެނެގާލް ކޭމްޕް ކުރާނީ ރަގޭސް ޔުނިވަރސިޓީގަ އެވެ. އެއީ ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމުގައި ފްރާންސާއި ނޯވޭއާއެކު ދެ މެޗެއް ކުޅެންޖެހޭތީވެ ސްޓޭޑިއަމާ ގާތުގައި ތިބުމަށްޓަކަ އެވެ. މުބާރާތުގެ ފައިނަލް މެޗު ވެސް ކުޅޭނީ މެޓްލައިފްގަ އެވެ.

އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް އެންމެ ހަރަކާތް ގިނަ މުބާރާތަށްވާނެ އެވެ. ސަބަބަކީ މުބާރާތް ފުޅާކޮށް 48 ޓީމު މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނެތީ އެވެ. މުބާރާތް ފަށާނީ ޖޫން 11 ވަނަ ދުވަހު އެވެ.