އޭނާ ކުޅެން ބޭނުންވާނީ ފްރާންސަށް ކަމަށް ބުނުމަށްފަހު ކުއްލި ގޮތަކަށް ޔާސީން އަދްލީ ނިންމުން ބަދަލުކޮށް އަލްޖީރިއާ އަށް ކުޅެން ނިންމުމުން އޭނާ ގައުމީ ޓީމަށް ނެގުމާމެދު ބޮޑު ބަހުސެއް ފެށިއްޖެ އެވެ.
އުމުރުން 25 އަހަރުގެ ޔާސީން މިހާތަނަށް ކުޅުނީ ފްރާންސްގެ އުމުރު ފުރާގެ ޓީމުތަކަށެވެ. އޭނާ އުފަންވީ ވެސް ފްރާންސަށެވެ. ނަމަވެސް އޭނާގެ ބައިން ބަފައިންނަކީ އަލްޖީރިއާ ބައެކެވެ. އެ މީހުން ނިސްބަތްވަނީ އަލްޖީރިއާގެ ޓިޒްރާ އައިސާ އަށެވެ.
މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މީގެ މަހެއްހާ ދުވަސް ކުރިން އަދްލީ ބުނީ އޭނާ ކުޅެން ބޭނުންވަނީ ފްރާންސަށް ކަމަށެވެ.
"އަހަރެންނަކީ އަލްޖީރިއާގެ ސަޕޯޓަރެއް. އެކަމަކު ކުޅުންތެރިއެއްގެ ގޮތުން އަހަރެން އިހްތިޔާރު ކުރާނީ ފްރާންސް. އަހަރެން ފްރާންސް ނަގަނީ މަތީ ފެންވަރުގައި ކުޅުމަށް،" އަދްލީ ބުންޏެވެ.
އޭނާގެ މިވާހަކަ އަކީ އަލްޖީރިއާ މީހުންނަށް ބަލައި ގަނެވުނު ކަމަކަށް ނުވި އެވެ. އެމީހުން ގަބޫލު ކުރި ގޮތުގައި މިއީ ގައުމާމެދު ބޭއިހްތިރާމް ކުރުމެވެ. އެކަމަކު މި ހަފުތާގައި އަދްލީ ވަނީ ނިންމުން ބަދަލުކޮށް އަލްޖީރިއާ އަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"އަލްޖީރިއާގެ ގައުމީ ޖާޒީ ލުމަކީ އެންމެ ހިތްގައިމު ކަންތައް އަހަރެންނަށް،" އޭނާ ބުންޏެވެ.
އަދި ގައުމީ ޓީމަށް ކުޅެން ބޭނުންވެ، އެކަން ކޯޗު ވަލްޑްމީރް ޕެޓްކޮވިޗާ ވެސް ހިއްސާކޮށްފައިވާ ކަމަށް އަދްލީ ބުންޏެވެ.
ނަމަވެސް ޕެޓްކޮވިޗް ވަނީ ރަތްރޮނގު ހުރަސް ނުކުރަން އަދްލީ އަށް ނަސޭހަތްތެރިވެފަ އެވެ. ސަބަބަކީ ފްރާންސުން ފުރުސަތު ނުލިބުމުން ނުވަތަ އެ ގައުމުން ބޭނުން ނުކުރުމުން އަލްޖީރިއާ އިހްތިޔާރު ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އެވެ. މިކަމާމެދު އަލްޖީރިއާގެ ބައެއް ސަޕޯޓަރުން ބުނަނީ މިއީ އެ މީހުންނަށް މަލާމާތް ކުރުން ކަމަށެވެ.
"މެސެޖް ވަރަށް ސާފު. ޔާސީން އަދްލޯ އަލްޖީރިއާގެ ފެއްސާއި ހުދެއް ބޭނުމެއްނުވޭ. މަތީ ފަންތި އިހްތިޔާރު ކުރަން ބޭނުން ކަމަށް ބުނެ އަލްޖީރިއާ ދެ ވަނަ ދަރަޖައަށް ވައްޓާލި މީހަކަށް ގޮވާލުމަކީ މި ޖާޒީ ލާން އެދިއެދި ތިބި އެތައް ބަޔަކަށް ކުރެވޭ ބޭއިހްތިރާމަކަށްވާނެ،" ކޯޗު ބުންޏެވެ.
މިކަމާމެދު އަލްޖީރިއާގެ ގިނަ ބަޔަކު ދެކެނީ އަދްލީ އަށް ފްރާންސްގެ ވޯލްޑް ކަޕް ޓީމުން ފުރުސަތު ނުލިބުމުން އޭނާ އަލްޖީރިއާ އަށް ކުޅެން ބޭނުންވި ހަމައެކަނި ސަބަބަކީ ވޯލްޑް ކަޕް ކުޅުމަށްޓަކައި ކަމަށެވެ.
އަންނަ ޖޫން މަހު 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި އަލްޖީރިއާ ހިމެނެނީ އާޖެންޓީނާ އާއި އަލްޖީރިއާ އާއި އޮސްޓްރިއާ އާއި ޖޯޑަންއާ އެކު ގްރޫޕް ޖީގަ އެވެ.