ޚަބަރު

ބޭސް ކުންފުނީގެ ފާމަސީއެއް އައިޖީއެމްއެޗުގައި ޤާއިމުކުރަނީ


  • ފާމަސީ އަންނަ ހަފުތާގައި ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ބޭހުގެ މައްސަލަ ޙައްލު ކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައި

  • ބޭހުގެ ކަންކަން ބޭސްކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އަންނަ ހަފުތާގައި ދައުލަތުގެ ބޭސް ކުންފުނީގެ ފާމަސީއެއް އައިޖީއެމްއެޗުގައި ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ.މުޙައްމަދު ޝާހު މާހިރު ވިދާޅުވެއްޖެއެވެ. ޝާހު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ޙައްލު ކުރުމަށް މިހާރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސެސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ސްޓޭޓް ފަރމަސޫޓިކަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރު ވިދާޅުވީ، ބޭހުގެ މައްސަލައަކީ އަޅާނުލެވި އެތައް ޒަމާނެއް ވަންދެން ދޫކޮށްލެވިފައިވާ މައްސަލައެއް ކަމަށެވެ. އެކަމަށް ހައްލު ގެނައުމަށް ރަނގަޅު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެކުރިން އެސްޓީއޯގެ ދަށުން ކުރަމުންދިޔަ މަސައްކަތް މަޑުމަޑުން ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭސް އެތެރެކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ 1 އިން ފެށިގެން މިހާރު ކުރަމުންދާނީ އެކުންފުނިން ކަމަށް ޑރ.ޝާހު ވިދާޅުވިއެވެ.

ޑރ.ޝާހު ވިދާޅުވީ، ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ފުރަތަމަ ފާމަސީ އަންނަ ހަފުތާގައި އައިޖީއެމްއެޗުގައި ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އައިޖީއެމްއެޗުގައި ޤާއިމުކުރާ ފާމަސީން، ރާއްޖޭގައި ލިބެންހުރި ހުރިހާ ބޭހެއް ލިބެން ހުންނާނެހެން ކަންކަން ބައްޓަން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިއަންނަ ހަފުތާއިން ފެށިގެން އަޅުގަނޑުމެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ސްޓޭޓް ފާމާގެ ފާމަސީއެއް އެބަހުޅުވަން. އެސްޓީއޯގެ ފާމަސީތައް އަޅުގަނޑުމެންގެ ދަށަށް އައުމުގެ ކުރިންވެސް، އެތަނުގައިވެސް އަޅުގަނޑުމެން މިބަލަނީ ހޮސްޕިޓަލަށް ބޭނުންވާނެ ބޭސްތައް ބެހެއްޓޭތޯ." ޑރ.ޝާހު ވިދާޅުވިއެވެ.

އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުންދާ ފާމަސީތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކް ހުރި ނެތްގޮތް ބެލޭނެ ސެންޓަރަލް ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް ފާމަސޫޓިކަލް އުފެއްދެވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކުންފުނީގެ އޮނިގަނޑު އެކުލަވާލާ، ރާއްޖެއަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބުމުގައި ދިމާވަމުންދާ ދަތިތައް ދެނެގަތުމަށް ދިރާސާތަކެއް ކުރެވިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނި ރަނގަޅަށް ހިނގައިގަތުމުން ބޭހުގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް އެކުންފުނިން ފާހަގަކުރައްވައެވެ.