ދެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ރާއްޖެ ހުޅުވާލައި ވާދަވެރި އިޤްތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސްރީލަންކާގައި ކުރިއަށްދިޔަ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއިން އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް މިހާތަނަށް ގެނެސްފައިވާ މުހިންމު ބަދަލުތައް ހިއްސާ ކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދެ ޤައުމުގެ ސިޔާސީ ގުޅުން ޤާއިމް ކުރިތާ 60 އަހަރުވެގެންދާއިރު މިއީ ފަޚުރުވެރި ގުޅުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ގުޅުމުން ދައްކުވައިދެނީ، އިޤްތިޞާދީ ގުޅުމާއި، އީޖާދީ ވިސްނުމާއި، އިސްތިރާޖީ ބައިވެރިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު ރާއްޖެ މިއޮތީ ތަރައްޤީގެ ވަރަށް މުހިންމު ހަރުފަތެއްގައިކަން ފާހަގަކުުރައްވާ ރައީސުލްޖުމްހޫރީއްޔާ ވިދާޅުވީ، ސަރުކާރުގެ މިހާރު ތަޞައްވުރުކޮށްފައިވާ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާކަމަށެވެ. މި ސިޔާސަތުތަކުގެ އަސާސް ކަމަށް ބަލާފައިވާނީ މީހުންނާއި، ފަންނިއްޔާތުގެ ކުރިއެރުންތަކާއި ތިމާވެށީގެ ނާޒުކުކަމަށްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށާއި، އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ޤަވާއިދު ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްއަށް އިސްލާހު ގެނައި، އިންވެސްޓް ކުރާ ފަރާތްތަކަށް ސާފު މަގެއް ކޮށައި ދިނުމަށެވެ. އެމަނިކުފާނު ވިދާޅުވީ އެތެރޭގެ ވިޔަފާރިތައް ކުރިއަރާފައިވާ ދާއިރާތައް ހިމާޔަތް ކުރުމަށް ބަދަލުތައް ގެންނައިރު އިތުރު އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް އައު ދޮރުތައް ސަރުކާރުން ހުޅުވަމުންދާ ކަމަށެވެ. އެގޮތުން ޤައުމީ ތަރައްޤީގައި އިސްކަންދޭ ދައިރާތަކުން ބޭރުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ހޯދުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާނޫނުތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ސަރުކާރުން މަސައްކަތް ކުރަނީ ހުޅުވިފައިވާ ވާދަވެރި އިޤްތިޞާދެއް ބިނާ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ޤަވާއިދުތައް އިސްލާހުކޮށް އަޅުގަނޑުމެންގެ މުޢައްސަސާތައް ވަރުގަދަކުރުމަކީ އަޅުގަނޑުމެން މި ބައްޓަން ކުރަނީ ބައިނަލްއަޤްވާމީ ގޮތުން ވާދަވެރި އަދި ހުޅުވިފައިވާ އިޤްތިޞާދެއް. މިއީ އިންވެސްޓަރުންނަށް ޔަޤީންކަން ލިބި، އައު އިންވެސްޓްމެންޓް ކުރިއަރާނެ އިޤްތިޞާދެއް. މި އިސްލާހުތައް މިހާރުވެސް ދަނީ ނަތީޖާ ދައްކަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގޫގުލްގެ ދިވަރަ މަޝްރޫޢުގެ މިސާލު ދައްކަވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އިންވެސްޓްމެންޓްތައް ރާއްޖެ އައުމުން ދައްކުވައިދެނީ ބޭރުގެ ބޮޑު ކުންފުނިތައްވެސް ރާއްޖެއަށް އިތުބާރު ކުރާ މިންވަރު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖެއަށް ފަހި އިންވެސްޓްމެންޓް ފުރުސަތުތައް ބޭނުންވާ ފަދައިން ދިވެހި ވިޔަފާރިތައްވެސް ބޭރު ޤައުމުތަކުގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ކަމަށެވެ. އެމަގުން ބަލާއިރު ލަންކާއަކީ އިސްސަފުގައި ގުނާލެވޭ ޤައުމަކަށްވާއިރު ދެ ޤައުމަށްވެސް އެންމެ ފައިދާ ކުރާނީ ދެކޮޅަށްވެސް ފަހި އިންވެސްޓްމެންޓުގެ މާހައުލެއް އޮވެގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޯރަމުގައި ބައިވެރިވި ލަންކާގެ ވިޔަފާރިތަކާއި، ލަންކާގައި ޤާއިމްވެ ތިބި އެހެން ޤައުމުތަކުގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކެއް ރާއްޖޭގައި ކުރުމަށް ދައުވަތު އަރުވާފައެވެ.