ޚަބަރު

ޤާނޫނާ ޚިލާފު ސިޔާސީ ޙަރަކާތްތައް ހުއްޓުވަން މެންބަރުން ގޮވާލައްވައިފި


  • ޤާނޫނާ ޚިލާފުވާ ޕާޓީތައް އުވާލަން މެންބަރުން ގޮވާލެއްވި

  • އަބުރަށް އަރައިގަތުމުގެ ލައިސެންސް އެއްވެސް މީހަކަށް ލިބިގެން ނުވާކަން ފާހަގަކުރެއްވި

ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި، އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ.

މެންބަރުން މިގޮތަށް ގޮވާލާފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ޤާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދިނުމަށް ގޮވާލާ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި އިބްތިދާއީ ބަހުސްގައެވެ.

ހޮޅުދޫ ދައިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަސާސީން ޚިޔާލުފަޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ހިނދު، ޤާނޫނާއި ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ ސަބަބުން މުޖްތަމަޢުގެ އަމަންއަމާންކަން ގެއްލެމުންދާތީ ފިޔަވަޅު އަޅައިދިނުމަށް ޤަރާރުގައި ގޮވާލެއްވިއެވެ.

މި ޤަރާރުގެ އިބްތިދާޢީ ބަހުސްގައި ޤަރާރަރަށް ތާޢިދުކުރައްވައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ޤާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ތަނަވަސްކޮށްދީފައިވާއިރު މިއީ ވަކި ހުދޫދެއްގެތެރެއިން ކުރެވޭނެ ކަންތައްތަކެއްކަން ފާހަގަކޮށްފައެވެ. އަދި ބައެއް ޕާޓީތަކުން މަގުތަކުގައި ނޭދެވޭ ބަސްތައް ބޭނުންކޮށް އެފަދަ ހަރަކާތްތަކެއް ހިންގާއިރު، އެކަންކަން ހުއްޓުވަންޖެހެ އިދާރާތަކުން ފިޔަވަޅު އެޅުމުގައި ލަސްތަކެއް ހުރިކަން ފާހަގަވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

"ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައި ވަނީ އަނެކާއަށް ގެއްލުމެއް ނުލިބޭ ގޮތަށް. މުޢައްސަސާތަކުން ފިޔަވަޅު އަޅަންޖެހޭ. އަހަރަކު އެތައް މިލިޔަން ރުފިޔާ ހޭދަ ކުރޭ. އެކަމަކު ޒިންމާ އަދާނުކުރެވޭ" މެންބަރު ފަލާޙް ވިދާޅުވިއެވެ.

މި ޤާރަރާއި ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދެއްކެވި ވާހަކަފުޅުގައިވެސް، އެއްވެސް ފަރާތެއްގެ ޒާތީ ކަމަކަމަށް ވާހަކަ ދެއްކުން ބަލައި ނުގަނެވޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ އެއީ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރުމަށް ހިންގާ ހަރަކާތްތަކެއްކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޒު ކުރަން ޖެހެނީ ވަކި ބަޔަކު ވެރިކަމުގައި ތިބެގެން ނޫންކަމަށާއި، އެހެންކަމުން މި ޤަރާރަށް ތާއިދު ނުކުރާކަން އިދިކޮޅު މެންބަރުން ވިދާޅުވިއެވެ.

ޤަރާރުގެ އިބްތިދާޢީ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ޤަރާރަށް ތާޢިދުކޮށް، މިފަދަ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ތެރެއިން ޕާޓީތަކަކީ ޤައުމުގެ އެއްބައިވަންތަކަން ހިފަހައްޓަންޖެހޭ ބައެއްގެ ގޮތުގައި އޮތްއިރު، އެ މަގަށް މިހާރު ބައެއް ޕާޓީތަކުން މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި ޤާނޫނާ ޚިލާފުވާ ޕާޓީތައް އުވާލުމަށްވެސް ބައެއް މެންބަރުން ގޮވާލެއްވިއެވެ.