ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޢާންމުންގެ ދެ އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ނިރުބަވެރި ޙަމަލާތަކެއްގައި، ޢާންމުންގެ ފަސް މީހަކު ޝަހީދުކޮށްލާފައިވާކަން އީރާންގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ. ޞަޔްހޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން ތެހްރާނުން ވަނީ ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް އެ ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި، ރައްދުގައި އެމެރިކާއިން ވެސް ވަނީ އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ.
އީރާންގެ އަސްކަރިއްޔާއާ ޙަވާލާދީ ތަސްނީމް ނޫސް އޭޖެންސީން ބުނީ، އެމެރިކާގެ މަނަވަރުތަކުން ޙަމަލާދީފައިވަނީ ޢުމާނުގެ ޚަޞަބުން ފުރައިގެން އީރާނަށް ދަތުރުކުރި، މުދަލާއި މީހުން އުފުލާ ދެ ބޯޓަކަށް ކަމުގައެެވެ. މިއީ، އީރާންގެ ބަންދު ފޫއަޅުވައިލުމަށް ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ މަނަވަރުތަކުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ތެހްރާނުން ސިފަކުރިއެވެ. އަދި، ޢާންމުންގެ އުޅަނދުފަހަރަށް ޙަމަލާދީފައި ވަނީ، އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ)ގެ ހަލުވި އުޅަނދުތަކަށް ޙަމަލާދިނުމުގެ ނަމުގައި ކަމަށް ވެސް ތެހްރާނުން ތުހުމަތުކުރެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ސީ ހޯކް އަދި އެޕާޗޭ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ދީފައިވާ ޙަމަލާތަކުގައި ނައްތައިލާފައި ވަނީ ބައިނަލްއަޤުވާމީ މުދާ އުފުލާ ބޯޓުފަހަރަށް ނުރައްކާ ކުރަމުންދިޔަ އައިއާރްޖީސީގެ ކުދި އުޅަނދުތަކެއް ކަމުގައެވެ. ވޮޝިންގޓަނުން ބުނީ، އެ އުޅަނދުތައް ނައްތައިލީ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަށް ހުރަސްއެޅުމަށް މަސައްކަތް ކުރުމުން ކަމުގައެވެ.
މި ކުރިމަތިލުންތައް ހިނގި ވަގުތަކީ އެމެރިކާގެ ޑިސްޓްރޯޔަރ މަރުކާގެ ދެ މަނަވަރު، ޔޫއެސްއެސް ޓްރަކްސްޓަން އަދި ޔޫއެސްއެސް މޭސަން، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތް ކުރި ވަގުތެކެވެ. ސެންޓްކޮމުން ބުނީ، ކުދި އުޅަނދުތަކާއި މިސައިލް އަދި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުންކޮށްގެން އައިއާރްޖީސީން އެ ދެ މަނަވަރަށް ޙަމަލާދިނުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކުގެ އެހީގައި އައިއާރްޖީސީގެ ޙަމަލާތައް ދިފާޢުކޮށް، ދެ މަނަވަރު ރައްކާތެރިކަމާއެކު ގަލްފު ކަނޑުގެ ސަރަޙައްދަށް ދަތުރުކޮށްފައިވާ ކަމުގައި ވެސް ވޮޝިންގޓަނުން ބުންޏެވެ.