ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ވަގުތުން ދުރަށް ދައްކަން އިންޑިޔާ އާއި ޗައިނާގެ ކުންފުނިތަކުން ހުށަހެޅި އަގު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ގަބޫލު ނުކޮށްފި އެވެ.
އިންޑިޔާގެ ދެ ކުންފުންޏެއް ކަމަށްވާ ރިލައެންސާއި ޑިސްނޭ ގުޅިގެން ހުށަހެޅީ އެ ގައުމަށް މެޗުތައް ދެއްކުމަށް 20 މިލިއަން ޑޮލަރެވެ. ނަމަވެސް ފީފާއިން މި އަގަށް އެއްބަސް ނުވާ ކަމަށް އޭއެފްޕީން ވަނީ ބުނެފަ އެވެ. އަދި ވަކި ސަބަބެއް ވެސް ނުބުނެ އެވެ. ބޮޑަށް ލަފާ ކުރެވެނީ އިންޑިޔާގެ ބްރޯޑްކާސްޓަރުން ކްރިކެޓް މުބާރާތްތަކުގެ ރައިޓްސް އަށް ބޮޑު ހޭދައެއް ކުރަމުންދާތީވެ މިހާ ކުޑަ އަގެއްގައި ވޯލްޑް ކަޕް ރައިޓްސް ދޭން ބޭނުން ނުވުމެވެ. ވޯލްޑް ކަޕް އިންޑިޔާގައި ދެއްކުމަށް ފީފާއާއެކު މަޝްހޫރު ސޮނީން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު އެ ކުންފުނިން ފަހު ވަގުތު ބިޑް ނުކުރި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން 2026 އާއި 2030 ވަނަ އަހަރުގެ މުބާރާތުގެ ރައިޓްސް އިންޑިޔާ އަށް ވިއްކަން އެންމެ ފުރަތަމަ ބުނި އަގަކީ 100 މިލިއަން ޑޮލަރެވެ. ނަމަވެސް ކުޅިވަރު ދައްކާ އެއްވެސް ޗެނަލަކުން ޝައުގުވެރި ނުވުމުން މި އަގު ވަނީ 35 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ. ނަމަވެސް މިއަގު ދީފައި ވޯލްޑް ކަޕް ރައިޓްސް ގަތުމުގެ ޝައުގުވެރިކަމެއް އިންޑިޔާގެ ގިނަ ބްރޯޑްކާސްޓަރުންގެ ނެތެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕް އިންޑިޔާގައި ދެއްކީ ވަޔަކޮމް18 ޗެނަލުންނެވެ. މި މުބާރާތުގެ މީޑިއާ ރައިޓްސް އެ ޗެނަލުން ގަތީ 62 މިލިއަން ޑޮލަރަށެވެ. ނަމަވެސް އިންޑިޔާގެ މީޑިއާ ކުންފުނިތަކުން ބުނަނީ މިހާރު އިގްތިސާދީ ހާލަތު އޮތް ގޮތުން ބޮޑު އަގުދީފައި ވޯލްޑް ކަޕް ނެގުމުގެ ގާބިލްކަން ނެތް ކަމަށެވެ.
އިންޑިޔާގެ ހުށަހެޅުން ފީފާއިން ގަބޫލު ނުކޮށްފައިވާއިރު ޗައިނާގެ ހުށަހެޅުމާމެ ވެސް ގޮތެއް ނުނިންމަ އެވެ. ޗައިނާގެ ސްޓޭޓް ޓީވީން އެދުނީ ޑިޖިޓަލް ޕްލެޓް ފޯމްތަކަށް މެޗުތައް ބެލޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. ނަމަވެސް މިކަމަށް ޗައިނާއިން ހުށަހެޅި އަގެއް ނުބުނެ އެވެ. ޗައިނާގައި އެންމެ ފަހުން ވޯލްޑް ކަޕް ދެއްކީ ސީސީޓީވީއިން އެވެ.
މިއާއެކު ދުނިޔޭގެ އެންމެ ބައިބޯ ގައުމުތަކުގެ ތެރެއިން ދެ ގައުމުގައި ވޯލްޑް ކަޕް މެޗުތައް ނުފެންނާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.