ޚަބަރު

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ގިނަ އުޅަނދުތަކަކަށް އީރާނުގެ ޙަމަލާތައް


ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރި ގިނަ ޢަދަދެއްގެ އުޅަނދަށް އީރާނުން ޙަމަލާ ދީފިއެވެ. އީރާނުން އެ އުޅަނދުތަކަށް ޙަމަލާ ދީފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

އީރާނުން ވަނީ އެ ޤައުމުގެ ބަނދަރި ޖާސްކު ކައިރިން އެމެރިކާގެ މަނަވަރަކަށް ދެ މިސައިލް ޙަމަލާ ދީފައިވާ ކަމަށެވެ. އެ ރަށަކީ އީރާނުގެ ދެކުނުގައި ގަލްފް އޮފް އޮމާންގައި އޮންނަ ރަށެކެވެ. އީރާނުން ބުނީ އެ މަނަވަރަސް ޙަމަލާ ދިނީ އީރާނުގެ ކަނޑުގެ ސިފައިން ދިން ޙަމަލާއަކަށް ބެލުމެއް ނެތި ހުރްމުޒް ކަނޑުއޮޅިން އެ އުޅަނދު ދަތުރުކުރުމުން ކަމަށެވެ.

އޭގެ އިތުރުން ދެކުނު ކޮރެޔާގެ އުޅަނދެއް ހިމެނޭ ގޮތަށް އިތުރު އުޅަނދުތަކަކަށް އީރާނުން ޙަމަލާ ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ހުރްމުޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަން ކަށަވަރު ކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެ މަގުން ދަތުރުކުރާ އުޅަނދުގެ ޢަދަދު އިތުރުވެފައި ނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މެރިންޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހުގެ 4ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އެލްޕީޖީ ގޭސް އުފުލާ ކުޑަ ބޯޓަކާއި މަދު ޢަދަދެއްގެ މުދާ އުފުލާ އުޅަނދެކެވެ. އޭގެ އިތުރުން ކޭބަލް އަޅާ އުޅަނދެއް ވެސް އެ ކަނޑުއޮޅި މެދިވެރިކޮށް ގަލްފް އޮފް އޮމާންއަށް ވަދެފައިވެއެވެ. އެ ކަނޑުއޮޅި ހުރަސްކުރުމަށް އެއްވެސް ތެޔޮ ޓޭންކަރެއް ކިޔުއަށް އަރާފައެއް ނުވެއެވެ. ރައްކާތެރިކަމާއެކު އެ މަގު ބޭނުން ނުކުރެވިދާނެތީ ގިނަ ޝިޕިންގ ކުންފުނިތަކުން އަދިވެސް އެ ކަނޑުއޮޅިން ދަތުރުކުރުމަށް ފަސްޖެހެއެވެ.

ޖަރުމަނުވިލާތުގެ މަޝްހޫރު ޝިޕިންގ ކުންފުންޏެއް ކަމަށްވާ ހަޕަގް-ލޮއިޑުން ބުނީ ހުރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރުމުގައި އުޅަނދުތަކުން ޢަމަލުކުރަންވީ ވަކި ގޮތެއް ސާފު ނުވާތީ އެ ކުންފުނީގެ ބޯޓުފަހަރަށް އެ މަގު ބޭނުންކުރެވެން ނެތް ކަމަށެވެ. އެ ދާއިރާއާ ގުޅުންހުރި ޖަމްޢިއްޔާތަކުން ވެސް ވަނީ އެ މޭރުމުން ވާހަކަދައްކައިފައެވެ. ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ މަގު އެމެރިކާއިން ތަނަވަސްކޮށްދެނީ ކިހިނެތް ކަމާއި ޢަމަލުކުރަންވީ ގޮތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނުލިބޭ ކަމަށް ބުނެ ޖަމްޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް، ސެންޓްކޮމުން ބުނީ އީރާނުގެ އުޅަނދުފަހަރު އެ ޤައުމުގެ ބަނދަރުތަކުން ލަފާފުރުމަށް ހުރަސް އެޅުމާ އެކުއެކީގައި އެހެން ޤައުމުތަކުގެ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް އެހީތެރިވާނެ ކަމަށެވެ. ނަމަވެސް ބަލްޓިކް އިންޓަނޭޝަނަލް މެރިޓައިމް ކައުންސިލް، ބިމްކޯއިން ބުނީ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ޙާލަތަށް ބަދަލެއް އައިސްފައިވާ ކަމަށް ނުެބެލެވޭ ކަމަށާއި، ހިރާސްތައް އަދިވެސް ގިނަ ކަމަށެވެ.

ބިމްކޯގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އޮފިސަރު، ޖޭކޮބް ލާސެން ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރުމަށް އީރާނުން އިޒުނަ ނުދޭނަމަ ކޮމާޝަލް ޝިޕިންގއަށް އޮތް ނުރައްކާ ކުޑަވާނެ ކަމަާމެދު ސުވާލު އުފެދޭ ކަމަށެވެ. ކަނޑުދަތުރުފަތުރާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއެމްއޯއިން ވަނީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ހުރަސް ނުކުރެވި އެތައް ސަތޭކަ އުޅަނދެއްގައި 20،000އަށްވުރެ ގިނަ ފަޅުވެރިން އެ ސަރަޙައްދުގައި ތާށިވެފައި ތިބި ކަމަށް ފާހަގަކޮށްފައެވެ.

އެމެރިކާ އިސްވެ އޮވެ ހިންގާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ވަނީ ކަނޑުދަތުރުފަތުރަށް އޮތް ނުރައްކާ އަދިވެސް އޮތީ ވަރަށް މަތީ މިންވަރެއްގައި ކަމަށް އިންޒާރު ދީފައެވެ. އަދި އެ ސަރަޙައްދުން ދަތުރުކުރުމުގެ ބަދަލުގައި ޢުމާންގެ ކަނޑުގެ ސަރަޙައްދު ބޭނުން ކުރުމަށް ވަނީ ލަފާ ދީފައެވެ.

އީރާނުން ވަނީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ހުރްމުޒް ކަނޑުއޮޅީގެ ބޭރުގައި ތިބުމަށް އިންޒާރުދީފައެވެ. އަދި އެ މަގު ހުރަސްކުރުމަށް ބޭނުންވާ އުޅަނދުތަކުން އީރާނުގެ އަސްކަރިއްޔާއާ ގުޅައިގެން އެ ކަން ކުރިއަށް ގެންދިޔުމަށް ވަނީ އިރުޝާދު ދީފައެވެ.