ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާއަށް މި ސީޒަން ނިމުމުގެ ކުރިން އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް އުންމީދު ކުރާ ކަމަށް ލިވަޕޫލް އިން ބުނެފި އެވެ.
މިސްރަށް އުފަން އުމުރުން 33 އަހަރުގެ ސަލާ އަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ސަލާގެ ހެމްސްޓްރިންގަށް ލިބުނު އަނިޔާގެ ސަބަބުން އެ މެޗުގެ ދެވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ލިވަޕޫލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަލާ އަށް ލިބިފައިވާ އަނިޔާއަކީ އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށާއި އެހެންކަމުން އެ ކްލަބުން އުންމީދު ކުރަނީ މި ސީޒަން ނިމުމުގެ ކުރިން އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށެވެ.
މިދިޔަ މަހު ސަލާ ވަނީ މި ސީޒަނަށްފަހު ލިވަޕޫލް އިން އޭނާ ދެން ނުފެންނާނެކަމަށް ބުނެފަ އެވެ. ލިވަޕޫލް ގައި ހޭދަކުރި 9 އަހަރުގެ ތެރޭގައި އޭނާ އެ ކްލަބަށް ކުޅެދިން 435 މެޗުގައި ވަނީ 257 ލަނޑު ޖަހާފައެވެ.
މި ސީޒަނުގައި ލިވަޕޫލް ކުޅޭ ފަހު މެޗަކީ އަންނަ މެއި މަހުގެ 24 ވަނަ ދުވަހު އެންފީލްޑްގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅޭ މެޗެވެ.
2017 ވަނަ އަހަރު ލިވަޕޫލް އާއި ގުޅުމަށްފަހު ސަލާ ވަނީ އެ ކްލަބާއިއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު, ޔޫއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕާއި ޔޫއެފާ ސުޕަރ ކަޕާއި އިނގިރޭސި އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.