މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ޚާއްސަ ޖޮއިންޓް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސް 308 ތަނެއް ބަލައިފާސްކޮށްފިއެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 19 އިން 23 ގެ ނިޔަލަށެވެ.
މިއީ އެޗްޕީއޭއިން އިސްނަގައިގެން މާލެ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވިއަން ރެޑް ކްރެސެންޓާއި ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނެކެވެ. އެޗްޕީއޭއިން ވިދާޅުވީ މި އިންސްޕެކްޝަންގައި އިމާރާތްކުރަމުންދާ ސައިޓްތަކާއި، މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން ބޭނުންނުކުރާ ހުސްޖާގަތައް ބަލައި ފާސްކޮށްފައިވާކަމަށެވެ. އެގޮތުން ޖުމްލަ 308 ތަނެއް އިންސްޕެކްޓް ކުރިއިރު މާލެއިން 153 ތަން، ހުޅުމާލެއިން 83 ތަން ބަލާފައިވެއެވެ. މީގެ އިތުރުން ވިލިމާލެއިން 59 ތަނަކާއި ތިލަފުށިން 12 ތަން އަދި ގުޅީފަޅުން 1 ތަން ވަނީ ބަލައި ފާސްކޮށްފައެވެ.
Joint inspections to control and eliminate mosquito breeding sites and awareness activities are being carried out by MRC, @HPA_MV, @hdcmaldives, @MaleCitymv, and stakeholders across Greater Malé.
— Maldivian Red Crescent (@maldivianrc) April 20, 2026
Stay vigilant and take steps to prevent mosquito-borne diseases like dengue! pic.twitter.com/LYXauOuGWO
އެޗްޕީއޭ އިން ވިދާޅުވީ މި އިންސްޕެކްޝަންގެ ތެރެއިން މަދިރި އުފެދި އާލާވާނެ ކަމަށް ބެލެވޭ ގިނަ ތަންތަން ބަލައި، އެފަދަ ތަންތަން ނައްތާލެވިފައިވާ ކަމަށެވެ. މިގޮތުން އެންމެ ގިނައިން މަދިރި އާލާވާކަން ފާހަގަކުރެވުނީ ފެން އަޅާފައި ހުންނަ އެކި ކަހަލަ ތަކެއްޗާއި ފީފާ އާއި ތާނގީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި ޓަޔަރާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތީގައި ކަަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ
އެޗްޕީއޭއިން ވިދާޅުވީ މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މަދިރި އާލާވާ ތަންތަން ދެނެގަނެ، އެތަންތަން ނައްތާލުން ކަމަށެެވެ. އާންމުން ދިރިއުޅޭ މާހައުލަކީ ސަލާމަތްތެރި ތަނަކަށް ހެދުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެޗްޕީއޭއިން ވަނީ ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބަލަހައްޓައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.