ރާއްޖެ ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ބުނެފިއެވެ.
އޭޕްރީލް 14-28 އަށް މާލޭ ޓީޓީ ހޯލުގައި ކުރިޔަށް ގެންދިޔަ މުބާރާތް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއިއެއްގައި ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ހަޒާންދާރު އަހުމަދު ޝާޒިލް ބުނީ، ބެލެނިވެރިންނާއި ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނީ ރަނގަޅު ޕީޑް ބެކްތަކެއް ކަމަށެވެ.
އަދި މި މުބާރާތް އެންމެ ފުރިހަމަކޮށް ކުރިޔަށް ގެންދެވުނީ އޮފިޝަލުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، ވަގުތަށް ހުރިހާ ކަމެއް ނިންމާލަދިން ކަމަށް ޝާޒިލު ފާހަގަކުރިއެވެ. އަދި ބެލެނިވެރިންނާއި ސުކޫލުތަކުންވެސް މި މުބާރާތަށް ބޮޑު އެއްބާރުލުމެއް ދިންކަން ފާހަގަކުރިއެވެ.
"މީ ހަމަ އެންމެ ކާމިޔާބުކޮށް ނިންމާލެވުނު އެއް މުބާރާތް، ފޯމެޓު މިއޮތީ ކުޑަކޮށް ބަދަލުވެފައި. އެހެންކަމުގައިވިޔަސް މި މުބާރާތަކީ ހަމަ ވަރަށް ކާމިޔާބުކޮށް ނިމިގެން ދިޔަ މުބާރާތެއް. ދެން އޮފިޝަލުންނާއި ބެލެނިވެރިން ކޮށްދޭ މަސައްކަތް، ކުދިން ގަޑިއަށް ގެނައުމާއި އަދި ސުކޫލުތަކުންވެސް ވަރަށް ބޮޑު މަސައްކަތެއް މިކޮށްދިނީ" ޝާޒިލް ބުންޏެވެ.
ޝާޒިލް ބުނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބާއްވާ ކޮންމެ މުބާރާތަކީވެސް ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައި ބާއްވާ މުބާރާތްތަކެއް ކަމަށެވެ. އެގޮތުން ސުކޫލުތަކުގެ ކުދިންނަށް ހުޅުވާލައިގެން މިބޭއްވި ފުރަތަމަ ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ކުޅިވަރު ވުޒާރާއިން ކަމަށް ފާހަގަކުރިއެވެ.
މީގެ އިތުރުން މުބާރާތް ފުރިހަމަކަމާއެކު ކުރިޔަށް ގެންދެވުނީ ސްޕޮންސަރުންގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ޝާޒިލް ފާހަގަ ކުރިއެވެ.
ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދިޔައީ އުމުރުފުރައެއްގެ ދަރިވަރުން ބައިވެރިކޮށްގެންނެވެ. 17 ސުކޫލަކުން ބައިވެރިވެ ޖުމްލަ 560 މެޗު ކުޅުނެވެ. މި މުބާރާތުގެ ޓީމު އިވެންޓުތަކުން އެންމެ ގިނަވަނަތައް ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުންނެވެ.
13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރާގެ އަންހެން، ފިރިހެން ޓީމު އިވެންޓުތަކާއި، ސިންގަލްސް އާއި ޑަބަލްސް އިވެންޓުތައް ކުރިޔަށް ގެންދިޔަ މިމުބާރާތުގެ ސިންގަލްސް އަދި ޑަބަލްސްގެ އެންމެ ގިނަ އިވެންޓުތަކުން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސުކޫލުންނެވެ.