ސައުތު ލީގުގެ ޒޯން 2 ގައި ސ. ފޭދޫ ކުޅުނު ދެމެޗުވެސް އެއްވަރުވެ، ޒޯންގެ ފައިނަލަށް އެ ޓީމު ދަތުރުކޮށްފިއެވެ. ޒޯންގެ ފަހު މެޗުގައި އިއްޔެ، ފޭދޫ އާއި ހޯނޑެއްދޫ ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހި، އެއްވަރު ވެގެންނެވެ.
މި ޒޯންގެ އެހެން މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ފޭދޫ އާއި ގދ. ގައްދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އަކުން އެއްވަރު ވެގެންނެވެ. އަދި ދެވަނަ މެޗުގައި ގައްދޫއިން ވަނީ ހޯނޑެއްދޫގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ބޮޑު މޮޅެއް ހޯދާފައެވެ. އެހެންކަމުން، ގައްދޫއަށް ގްރޫޕް ސްޓޭޖުން ޖުމްލަ 4 ޕޮއިންޓު ލިބިފައިވާއިރު، ފޭދޫއަށް 2 ޕޮއިންޓު ލިބިފައިވެއެވެ. އަދި ހޯނޑެއްދޫއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.
އެހެންކަމުން ސައުތު ލީގުގެ ޒޯން 2 ގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ގްރޫޕުގެ 1 ވަނައިގެ ގޮތުގައި ގދ. ގައްދޫ އަދި 2 ވަނައިގެ ގޮތުގައި ސ. ފޭދޫ އެވެ. ޒޯންގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.