ޚަބަރު

ހަނގުރާމަ ދިގުދެމިގެންދާވަރަކަށް ދުނިޔޭގެ އިޤްތިޞާދަށް އިތުރު ލޮޅުންތައް


‏މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ދާއިރާއަށް ބޮޑެތި ލޮޅުންތައް ވަނީ އައިސްފައެވެ. އެ ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ދަނީ އަސަރުކުރަމުންނެވެ. މުދާ އުފެއްދުމަށާއި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް މުދާ އުފުލުމަށް ކުރަންޖެހޭ ޚަރަދު އިތުރުވަމުންދާއިރު، ސަޕްލައިއަށް ބުރޫއެރުމުގެ ބުރަ ވިޔަފާރިތަކުން ދަނީ އުފުލަމުންނެވެ. ހަނގުރާމައާ ގުޅިގެން އިޤްތިޞާދީ ގޮންޖެހުންތައް ކުރިމަތިވަމުން ދިިޔަ ނަމަވެސް ޤައުމުތަކުން ދިޔައީ އެ ޙާލަތުގައި ކަންކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ހޯދައި އެ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ޞުލްޙަ ނުވެވި ދެ މަހެއްހާ ދުވަސް މިހާރު ވެފައިވާއިރު، ތަކެތީގެ އަގުތައް ބޮޑުތަނުން އުފުލެމުންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ. އެއާއެކު އިޤްތިޞާދީ ކުރިއެރުން ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނިސްބަތްއް މިހާރު ދަނީ ދަށް ކުރަމުންނެވެ.

ދުނިޔޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ހަނގުރާމައިގެ ސަބަބުން ގިނަ ސަރަޙައްދުތަކުގައި އިޤްތިޞާދުތައް ދަނީ ދަށަށެވެ. އެ ގޮތުން ޔޫރޯ ޒޯނުގެ ޙާލަތު ވަކިން ގޯސް ކަމަށް ސަރވޭތަކުގައި ފާހަގަކޮށްފައިވެއެވެ. އޭޕްރިލް މަހުގެ ތެރޭގައި ވިލާތުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގާ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. މުދާ އުފެއްދުމަށް ކުރަންޖެހޭ ޚަރަދުތައް ކާރުޚާނާތަކަށް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފަތުރުވެރިކަމާއި ދަތުރުފަތުރު ފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ދާއިރާތަކުގެ ޙަރަކާތްތައް ވެސް ދަނީ މަޑުޖެހެމުންނެވެ. ސަޕްލައިގެ ދަތިކަން ކުރިމަތިވަމުންދާ މިންވަރު ވެސް އިތުރުވަމުންދާއިރު، ތަކެތީގެ އަގަށާއި އިޤްތިޞާދީ ކުރިއެރުމަށް އިތުރު ފިއްތުންތައް ވެސް ދަނީ ކުރިމަތިވަމުންނެވެ.

އެމެރިކާގައި އިޤްތިޞާދީ ޙަރަކާތްތަކަށް ކޮންމެވެސް މިންވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ނަމަވެސް އެހެން ޤައުމުތަކެކޭ އެއްގޮތަށް އެ ޤައުމަށް ވެސް ފިއްތުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން ތަކެތީގެ އަގުބޮޑުވުމާއި ސަޕްލައިއަށް ބުރޫއެރުަމަކީ އެމެރިކާއަށް ވެސް ކުރިމަތިވަމުންދާ މައްސަލަތަކެކެވެ.

ޖަޕާނާއި އިންޑިޔާ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުގެ އުފެއްފުންތެރިކަން އިތުރުވެފައިވާ ކަމަށް އެ ޤައުމުތަކުން ބުނެއެވެ. އޭގެ އެއް ސަބަބު ކަމަށް ބެލެވެނީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ދަތިތައް އަންދާޒާކޮށް، އެ ކަމަށް ތައްޔާރުވުމުގެ ގޮތުން މުދާ އިތުރަށް އުފެއްދުމެވެ. ނަމަވެސް މިއީ އެ ކަމުގެ ސަބަބުން އިޤްތިޞާދު ފަހުން ބަލިކަށިވެދާނެ ކަމެކެވެ.

މާލީ ގޮތުން ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކުންފުނިތަކުގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، ގިނަ ޢަދަދެއްގެ ކުންފުނިތަކުން ދަނީ ކުރިން ލަފާކޮށްފައިވާ ޢަދަދުތައް ދަށްކޮށް، އަގުތައް ބޮޑުކުރާނެ ކަމުގެ އިޝާރާތްތައް ކުރަމުންނެވެ. ތެލުގެ އަގު އުފުލެމުން ދިޔުމަކީ ބޮޑެތި އިޤްތިޞާދުގައި ތަކެތީގެ އަގު އުފުލެމުންދާ މައިގަނޑު ސަބަބެެވެ.

ކަން މިހެން އޮތް ނަމަވެސް، ޓެކްނޮލޮޖީގެ ދާއިރާ ފަދަ ބައެއް ދާއިރާތައް އަދިވެސް އޮތީ ވަރުގަދަކޮށެވެ. ނަމަވެސް ޞުލްޙަ ނުވެވި ހަމަނުޖެހުން ދިގުދެމިގެންދާ ނަމަ އިޤްތިޞާދީ އަސަރު ވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.