ޚަބަރު

ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފަށްޓަވައިފި


ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފަށްޓަވައިފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މުސްލިމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށް މިފަދަ މުބާރާތްތައް ބޭއްވުން މުހިންމު ކަމަށެވެ. އަދި މިފަދަ މުބާރާތްތައް ބޭއްވުމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ބާއްވާ މިފަދަ މުބާރާތްތަކުގައި ބައިވެރިވާނެ ފަރާތްތައް ހޯއްދެވުމުގައި ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14754775282288.jpg|ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފެއްޓެވުން - ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ތެރޭގައި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ތަފާތު 13 ފޮތެއް ނެރެދެއްވާފައިވެއެވެ. މިރޭގެ ޖަލްސާގައި އިތުރު ފޮތެއް ނެރެދެއްވާފައިވެއެވެ. މިފޮތް ނެރެދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދުއެވެ. މީގެ އިތުރުން ޤުރުއާނާއި ބެހޭ މަރުކަޒުން މިއަހަރު ޤުރުއާން ހިތުދަސްކުރެއްވި 6 ފަރާތެއް އިޢުލާނު ކުރައްވާ އެފަރާތްތަކަށްވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. img:http://s4.psmnews.mv/images/660x400/14754777187019.jpg|ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފެއްޓެވުން - ފޮޓޯ: ޕީއެސްއެމް

ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވީ މިއަހަރުގެ މުބާރާތުގައި 183 ބައިވެރިން ކިޔަވާނެ ކަމަށެވެ. އަދި މިއީ އަންހެން، ފިރިހެން ދެ ޖިންސުގެ މީހުންނަށް ޢަމާޒުކުރައްވައިގެން ވަކިވަކިން މުބާރާތް ބާއްވަވާ ފުރަތަމަ ފަހަރު ކަމަށެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަވަމުން ގެންދަވާ މުބާރާތެކެވެ. އޭރު މި މުބާރާތް ބާއްވަވާފައިވަނީ މަޢުހަދުއްދިރާސާތުއް އިސްލާމިއްޔާއިންނެވެ. އެހެންނަމަވެސް 1985 ވަނަ އަހަރު ސަރުކާރުން ވަނީ ޤުރުއާން މުބާރާތް ރާއްވަވާ އިންތިޒާމުކުރެއްވުމަށް މިހާރުގެ ޤުރުއާނާބެހޭ މަރުކަޒާ ޙަވާލުކުރައްވާފައެވެ.

ޤުރުއާނާބެހޭ މަރުކަޒު ސަރުކާރުން އުފައްދަވާފައިވަނީ 2000 ވަނަ އަހަރުއެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވެވުމުގެ މައިގަނޑު މަޤްޞަދަކީ، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތުގައި ލޯބިޖައްސުވައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރައްވައި، އިސްލާމީ ވަޙްދަތު ދިރުވައި ކުރިއެރުއްވުމެވެ.