މާލެ ރީޖަން ލީގުގެ ދެވަނަ ޑިވިޝަނުގައި ޓެންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، ލޮރެންޒޯ ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
މުބާރާތުގައި ލޮރެންޒޯ އިންވެސް އަދި ޓެންޓުން ވެސް ކުޅުނު މިއީ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ލޮރެންޒޯއިން ވަނީ ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. ޓެންޓުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ހެންވޭރިއަންސްއާ ދެކޮޅަށް ނުކުމެ ވީ 1-1 އިން އެއްވަރެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ޓެންޓާ ދެކޮޅަށް ނުކުމެ ލޮރެންޒޯއިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 އިން ލޮރެންޒޯ ކުރީގައި އޮވެގެންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 19 ވަނަ މިނެޓުގައި ހުސެއިން ހަނާނެވެ.
ދެވަނަ ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި ލޮރެންޒޯއަށް ވަނީ ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. އެގޮތުން 47 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޓެންޓުގެ އަޙްމަދު ސިނާއުގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ލޮރެންޒޯއަށް ޕެނަލްޓީއެއް ލިބުނުއިރު، މި ޕެނަލްޓީ ކާމިޔާބުކޮށް ލޮރެންޒޯއަށް ލީޑު ފުޅާކޮށްދިނީ އިބްރާޙީމް ހަމްދާނެވެ.
ޓެންޓުން އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 52 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަޙްމަދު ސުދައިސް އެވެ.
މެޗުގައި ލޮރެންޒޯއިން ތިންވަނަ ލަނޑެއް ޖެހީ 77 ވަނަ މިނެޓުގައެވެ. ކީޕަރު ކައިރިން ނައްޓާލުމަށްފަހު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނިީ މުޙައްމަދު މައިލާނެވެ. މައިލާން ވެސް މެޗުގައި ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
މި މޮޅާއެކު ލޮރެންޒޯއަށް ދެ މެޗުން ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބޭއިރު ދެ މެޗުން އެއް ޕޮއިންޓާއެކު ޓެންޓު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޓީމުތަކުން ކުޅެފައި ވަނީ އެންމެ މެޗެކެވެ. ލޮރެންޒޯއާ ޕޮއިންޓުގެ ގޮތުން އެންމެ ކައިރީގައި އޮތީ އެއް މެޗުން ތިން ޕޮއިންޓު ހޯދާފައިވާ މަހިބަދޫ ސްޕޯޓްސް ކުލަބެވެ.