ޚަބަރު

ރަޖިސްޓްރީ ނުކުރާ މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގާތީ ސަމާލުވާން އެދިއްޖެ


  • އެސްއޭއެސް މެޑިކަލް ކޮލެޖަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ނޫން

  • ރަޖިސްޓްރީ ނުކޮށް ހިންގުމަކީ ކުށެއް

ރަޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ ސަމާލުވާން ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެސްއޭއެސް މެޑިކަލް ކޮލެޖުގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މަރުކަޒަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ނޫނީ ޔުނިވަރސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށެވެ.

އެ ވުޒާރާއިން ވަނީ، އާންމުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް އެސްއޭއެސް މެޑިކަލް ކޮލެޖް، މޯލްޑިވްސްގެ ފަރާތުން އިޝްތިހާރު ކުރަމުންދާތީ، ދަރިވަރުންނާއި އާންމުން ސަމާލުވުމަށް އަންގާފައެވެ.