ގައުމީ އެއާލައިން "މޯލްޑިވިއަން"އާއި، ސްރީލަންކަން އެއާލައިންސްއާއި ދެމެދު ދަތުރުފަތުރުގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ. މިއީ، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކާ ދެމެދު އޮންނަ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ އެއާލައިންގެ ވިއުގަ ބޭނުން ކުރާ ފަސިންޖަރުންނަށް މަންޒިލްތަކަށް ދަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި ޤާއިމުކުރި ގުޅުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަޤުވާމީ ވިއުގަ މެދުވެރިކޮށް ދަތުރު ކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް، މާލެއިން ބޭރުގައިވާ ރާއްޖޭގެ 17 މަންޒިލަކަށް ދަތުރު ކުރުމުގެ ފުރުޞަތު މޯލްޑިވިއަން އިން ފޯރުކޮށްދޭނެއެވެ. އަދި ދުނިޔޭގެ މުހިންމު ބާޒާރުތަކުން ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ކޮލަމްބޯ މެދުވެރިކޮށް ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހި، ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ދަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރު ކުރާ މޯލްޑިވިއަންގެ ފަސިންޖަރުންނަށް ވެސް ކޮލަމްބޯ މެދުވެރިކޮށް ބައިނަލްއަޤުވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއި އިތުރު އިޚްތިޔާރުތައް މި ފާޓްނަޝިޕްގެ ސަބަބުން ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާޒު ވިދާޅުވީ، މި ގުޅުމަކީ ރާއްޖެއަށް ދަތުރު ކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، މާލެއިން ބޭރުން އަތޮޅު ތެރެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ، ބައިނަލްއަޤުވާމީ ދަތުރުތައް ކުރާ ދިވެހިންނަށް ވެސް މީގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.