މެންޗެސްޓާ ސިޓީން އާސެނަލް ބަލިކޮށް ފަހަތުގައި ވިއްދާލި ނަމަވެސް އަދިވެސް އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުން ގާތީ އޭނާގެ ކުރީގެ ކުލަބު އާސެނަލް ކަމަށް ތަޖުރިބާކާރ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ދެ ޓީމުގެ މެދުގައިވާ ޕޮއިންޓް ތިން ޕޮއިންޓަށް ގާތްވެ، އާސެނަލް އަށްވުރެ ސިޓީ އެއް މެޗު މަދުން ކުޅެފައިވާތީވެ ވާހަަ ދައްކަމުންނެވެ.
"އަހަރެންނަށް އަދިވެސް ފެންނަނީ އާސެނަލް ތަށި ހޯދާތަން. އަހަރެންނަށް އެބެ ފެނޭ އެތަން. (އާސެނަލްގެ ކޯޗު) މިކޭލް އާޓެޓާ އަހަރެންނަށް ފެންނަނީ ވަރަށް ހުށިޔާރުކޮށް. ކުޅުންތެރިންގެ ފޯމަށް ބަލާއިރު އާސެނަލްގެ އެޓޭކްގައި ތިބި ކުޅުންތެރިންގެ ނުރައްކާ ބޮޑު،" ވެންގާ ބުންޏެވެ.
މެދުނުކެނޑި 17 އަހަރު އާސެނަލް އަށް ކޯޗުކޮށްދިނުމަސްފަހު ފީފާގެ ގްލޯބަލް ޓެކްނިކަލް ހެޑްގެ މަގާމުގައި ހުރި ވެންގާ އަކީ އާސެނަލް އަށް އެންމެ ފަހުން ޕްރެމިއާ ކާމިޔާބު ކުރެވުނު ތިން އަހަރުގެ ވެސް ކޯޗެވެ. ނަމަވެސް މިހާރު ތަށި ނުލިބޭތާ 22 އަހަރު ވެއްޖެ އެވެ. ނަމަވެސް ވެންގާ ބުނީ މިއީ ޕްރެޝަރަކަށް ވެގެން ނުވާނެ ކަމަށެވެ.
ނަމަވެސް އޭނާގެ ކޯޗުކަމުގައި ޕްރެމިއާ ލީގު ކާމިޔާބުކޮށްދީ ރަންބޫޓު ހޯދި ފޯވަޑް ފްރާންސްގެ ތިއެރީ އޮންރީގެ ވިސްނުން ތަފާތެވެ. އޭނާ ބުނީ ކަރަބޯ ކަޕް ފައިނަލުގައި ސިޓީ އަތުން އާސެނަލް ބަލިވުމަކީ ޕްރެމިއާ ލީގު ތަށި ހޯދަން އެޅުނު ހުރަހެއް ކަމަށެވެ.
"އޭގެ ފަހުން މި އުޅެނީ ވަރަށް ބޮޑަށް އިތުބާރުގެ މައްސަލަ ކުރިމަތިވެގެން. އަހަރެންނަށް ހީވަނީ ކުޅުންތެރިންގެ އިތުބާރުގެ މައްސަލަ ބޮޑުހެން. އެކަން ރަނގަޅު ކުރަން ޖެހޭ ތަށި ހޯދާކަމަށްވާނަމެ،" އޮންރީ ބުންޏެވެ.
މި ވަގުތު އާސެނަލް އެއްވާނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެ ވަނާގައިވަނީ 67 ޕޮއިންޓާއެކުގަ އެވެ. ބާކީ އާސެނަލް އަށް ފަސް މެޗު ސިޓީ އަށް އޮތީ ހަ މެޗެވެ. ފައިދާ ގޯލަށް ބަލާއިރު އާސެނަލް އަށް 37 ގޯލު އަދި ސިޓީ އަށް އޮތީ 36 ގޯލެވެ. މިހެންވެ އާސެނަލް ފަހާލައި އެއްވަނަ ހޯދުމުގެ ހުރިހާ ފުރުސަތު ސިޓީ އަށް އެބައޮތެވެ.