ޚަބަރު

އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ވިދާޅުވީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާކަމަށެވެ.


ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ޙުސެއިން ޝަފީޤަކީ ތަރުރިބާކާރު ކެޕްޓަނެކެވެ. މަހާޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޙުސެއިން ޝަފީޤު ކެޕްޓނެއްގެ ގޮތުގައި 10އަހަރު ވަނީ މަސައްކަތްކުރައްވާފައެވެ.


މާސްޓަރ މެރިނާ ނުވަތަ ކެޕްޓަނުކަމުގެ ސްރީލަންކާއިން ސަނަދު ހާސިލުކުރެއްވުމުގެ އިތުރަށްް އޭނާވާނީ މެރިޓައިމް ސައެންސްގެ ދާއިރާއިން މަތީތައުލީމު ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން ނިޔަމިކަމުގެ ދާއިރާއާއި ކަނޑުއުޅަނދުތަކުގެ އޮޕަރޭޝަންތަކާ ގުޅޭ ތަފާތު ދާއިރާތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރެއްވުމުގެ ތަޖުރިބާވެސް ޙުސެއިން ޝަފީޤު ވަނީ ހާސިލުކުރައްވާފަައިވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 6ވަނަ ދުވަހުގައެވެ.