އޭޝިޔާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލުގެ ޖާގައެއް އަލް އަހްލީ އިން ހޯދައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން, އަލް އަހްލީ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދަފައިވަނީ ޖަޕާނުގެ ވިސެލް ކޯބޭ އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު 2-1 ގެ ނަތިޖާއަކުން ކާމިޔާބު ކުރުމަށްފަހުގަ އެވެ.
ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު ސެމީ ފައިނަލް މެޗުގެ 31 ވަނަ މިނިޓުގައި ޖޭ ލީގުގެ ކްލަބް ވިސެލް ކޯބޭ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔޮޝިނޯރީ މުޓޯ އެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 17 ވަނަ މިނިޓުގައި އަލް އަހްލީގެ ގަލޭނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން އަލް އަހްލީ މޮޅުވި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިވާން ޓޯނީ އެވެ.
އަލް އަހްލީ ވަނީ މި މެޗުން މޮޅުވުމާއިއެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. އަދި މި ފަހަރުގެ މުބާރާތުގެ ތަށި އެ ކްލަބުން ހޯދައިފިނަމަ އަލް އަހްލީ ވެގެންދާނީ 2005 ވަނަ އަހަރު ސައުދި އަރަބިއްޔާގެ އަލް އިއްތިހާދަށް ފަހު މި މުބާރާތުގެ ތަށި ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.
މި މުބާރާތުގެ ފައިނަލުގައި އަލް އަހްލީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ އަން އަންގާރަ ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޝަބާބް އަލް އަހްލީ އާއި ޖަޕާނުގެ މެޗީޑާ ޒެލްވިއާ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.