ޚަބަރު

އެވަޓަން އަތުން ލިވަޕޫލް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވިއިރު މިއީ ޕްރިމިއާ ލީގުގައި މި ދަނޑުގައި ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 29 ވަނަ މިނިޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި އެވަޓަންގެ ބެޓޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ލިވަޕޫލް މި މެޗުން މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ 10 ވަނަ މިނިޓުގައި ޑޮމިނިކް ޝޮބޮޒްލާއީ ނަގައިދިން ހުރަހަކުން ވާޖިލް ވެންޑައިކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 33 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ހަވަނައިގައި އޮތް ޗެލްސީ އަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. އެވަޓަން އަށް 33 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.