ޚަބަރު

"ޕްރެޝަރު ބޮޑީ ޓީސީއާއި ގްރީންއަށް، ޕްލޭއޮފް އުނދަގޫވާނެ"


  • ޓީސީ ޕްލޭއޮފްގައި ކުޅެން ޖެހުނީ ލީގުގެ ހަތްވަނަ ލިބުމުން

  • ގްރީން ސްޓްރީޓްސްއަށް ލީގުގައި ލިބުނީ އަށްވަނަ

ދިވެހި ފުޓުބޯޅައިގެ ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ހަތަރު ޓީމެއް ކަނޑައެޅުމަށް ކުޅޭ ޕްލޭއޮފް މެޗުތަކުގައި ޕްރެޝަރު ބޮޑުވާނީ ނިމުނު ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޕްލޭއޮފްގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް ގްރީން ސްޓްރީޓްސްއަށް ކަމަށް ޓީސީގެ ކޯޗު މުޙައްމަދު އާތިފް ބުނެފިއެވެ.

ޓީސީން މިފަހަރުގެ ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހުނީ، ލީގު ނިމުނުއިރު ތާވަލުގެ ހަތްވަނަ ލިބުމުންނެވެ. ގްރީންއަށް ލިބުނީ އަށްވަނައެވެ.

ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ތެރެއިން ޕްލޭއޮފްގައި ކުޅޭ ދެ ޓީމަކަށް ޓީސީއާއި ގްރީން ވެފައިވާއިރު ނިމުނު ސީޒަނުގެ ފުރަތަމަ ބުރުގެ ފަހު މެޗާ ހަމައިން ޓީސީއާ ހަވާލުވި އާތިފް ބުނީ، ޓީސީއާ ހަވާލުވިއިރު މައިގަނޑު ޓާގެޓެއްގެ ގޮތުގައި އިނީ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުން ކަމަށެވެ.

އެހެންކަމުން އެފްއޭ ކަޕުގެ ރަނަރަޕްކަން ލިބުނު ނަމަވެސް ހިތްހަމަޖައްސާލެވެން ނެތްކަމަށާއި، ޕްލޭއޮފްއަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް، އެފްއޭ ކަޕް ނިންމާލިއިރު އޮތް ފޯމުގައި ޓީސީ އޮވެއްޖެނަމަ، ޕްލޭ އޮފްގައި ކާމިޔާބީ ހޯދައި އަންނަ ސީޒަނުގައި ވެސް ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުން އެއީ އުނދަގޫކަމަކަށް ނުވާނެކަމަށް ކޯޗު އާތިފް ބުންޏެވެ.

"ޓީސީގެ ބޭނުމަކަށް މިވަނީ ފަސްޓް ޑިވިޝަނުގައި އޮތުން ކަންނޭނގެ. ޓީސީއަށް އެންމެ މުބާރާތް ކުރިއަށް މިއޮތީ. ﷲ އިރާދަކުރެއްވިއްޔާ މި ޓީމު އޮތް ފޯމުގައި އޮވެއްޖެއްޔާމު ހީވަނީ ނުވާވަރުކަމެއް ނޫންކަންނޭނގެ މިއީ. ވަރަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާމު ފަސްޓް ޑިވިޝަނުގައި މީތި ބޭއްވޭނެކަމަށް. އެއީ ކަންނޭނގެ އެންމެ ބޮޑު ޓާސްކަކީ". ކޯޗު އާތިފް ބުންޏެވެ.

އާތިފް އިތުރަށް ބުނީ، ކޯޗެއްގެ ހައިސިއްޔަތުން، ޓީސީ ގޮވައިން ފުރަތަމަ ޑިވިޝަނުގައި އޮވެވޭތޯ ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް، ރެލިގޭޝަން ކުޅޭ އެހެން ޓީމުތަކަށް މާބޮޑު ޕްރެޝަރެއް ނެތްނަމަވެސް، ޓީސީއާއި ގްރީންއަށް ބޮޑު ޕްރެޝަރެއް އޮތްކަން ކޯޗު އާތިފް ފާހަގަކުރިއެވެ.

"ވަރަށް މަސައްކަތްކުރާނަން. ﷲ އިރާދަކުރެއްވިއްޔާ ޓީސީއާ ހަވާލުވި މަގްސަަދު ހާސިލްވޭތޯ އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން. ކޮންމެ ގޮތެއްވިޔަސް ވަރަށް އުނދަގޫ އެއްޗެއް އެއީ. ރެލިގޭޝަން ކުޅޭ އެހެން ޓީމުތަކުގައެއް ނީންނާނެ ކޮންމެހެން ޕްރެޝަރެއް. މީގަ ޕްރެޝަރުގައި ކުޅެން ޖެހޭނީ ގްރީން ސްޓްރީޓްސްއާއި ޓީސީއާ. އެހެންވީމަ ވަރަށް ތަފާތު މުބާރާތަކަށްވާނެ. އެހެންވީމަ މުބާރާތް ފައްޓާލީމަ ކަނޑައެޅިގެން އެއްޗެއް ބުނަން އެނގޭނީ". އާތިފް ބުންޏެވެ.

2026/2027ގެ ޕްރިމިއަ ލީގުގައި ހިމެނޭ ޓީމުތައް ކަނޑައަޅާ ފޯމެޓަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މުޅި ރާއްޖެ ހަތަރު ލީގަކަށް ބަހާލައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ޓީމުތަކަށް ވެސް ޕްރިމިއަރ ލީގުގައި ކުޅެވޭނެ މަގު އެފްއޭއެމް އިން ވަނީ ތަނަވަސްކޮށްދީފައެވެ.

މިއާއެކު އަތޮޅު ތެރެއިން، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ޕްރިމިއަރ ލީގުގައި ވާދަކުރަން، ސަރަހައްދީ މުބާރާތްތަކެއް ކުޅެން ޖެހޭއިރު، ޕްރިމިއަރ ލީގުގެ ކުޅުން އޮންނާނީ މެދުކެނޑިފައެވެ. އަދި ޕްލޭއޮފްގައި ޓީމުތައް ވާދަކުރާއިރު، ރީޖަންތަކުން އަންނަ ޓީމުތަކުގެ ޓީމް ލިސްޓަށް ވެސް ބަދަލު ގެނެވޭނެކަމަށް އެފްއޭ އިން ބުނެފައިވެއެވެ.

އެފްއޭއެމް އިން ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ބަހާލީ، މާލެ ސަރަހައްދުގެ ތިން ވަނަ ޑިވިޝަން އާއި ދެވަނަ ޑިވިޝަން ހިމަނައިގެން މާލޭ ލީގާއި ނޯތު ލީގު، ސެންޓްރަލް ލީގު އަދި ސައުތު ލީގަށެވެ.

އަތޮޅުތައް ހިމެނޭ ތިން ލީގުގައި އެކި ޒޯންތައް ވެސް ވަނީ ކަނޑައަޅާފައެވެ.

ކޮންމެ ލީގެއްގައި ހިމެނޭ ޒޯންތަކުގައި އެޓޯލް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ކުޅޭނެ އެވެ. ކޮންމެ ޒޯނަކުން ލީގަށް ކޮލިފައި ވަނީ އެ ޒޯނެއްގެ ޗެމްޕިއަނުންނާއި ރަނައަޕެވެ. އެހެންކަމުން އަތޮޅުތައް ހިމެނޭ ތިން ލީގުގައި ވާދަކުރާނީ ކޮންމެ ލީގެއްގައި ވެސް ޖުމްލަ ހަތަރު ޓީމެވެ. މާލޭ ލީގުގައި ހިމެނެނީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނެވެ.

ދެވަނަ ޑިވިޝަންގެ މެޗުތައް ފަށާނީ ތިންވަނަ ޑިވިޝަން ނިންމައި، އޭގެ ޗެމްޕިއަން ޓީމު ހިމަނައިގެންނެވެ.

ޕްރިމިއަ ލީގުގައި އަލަށް ހުޅުވޭ ހަތަރު ޖާގައަށް ވާދަކުރާނީ ހަވަނަ ޓީމާއި ހަތްވަނަ ޓީމުގެ އިތުރުން ނޯތު ލީގާއި ސެންޓްރަލް ލީގާއި ސައުތު ލީގު އަދި މާލޭ ލީގުގެ ސެކަންޑް ޑިވިޝަންގެ ޗެމްޕިއަން ޓީމާއެކު ޖުމްލަ ހަ ޓީމެވެ.