ޚަބަރު

އީރާނުގެ އަސްކަރީ ޤާބިލުކަން ކުރިއަށްވުރެ ވަރުގަދަ


ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ވުރެ، މިސައިލާއި ޑްރޯން ޙަމަލާތައް ފޮނުވައިލުމަށް ބޭނުންކުރާ ލޯންޗަރުތައް އައު ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާ ކަމަށް އީރާނުން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ދޭން ފެށި ނިރުބަވެރި ޙަމަލާތަކުގެ ރައްދުގައި އީރާނުން ވެސް ދިޔައީ ދުވާލަކު ގިނަ ޢަދަދެއްގެ މިސައިލާއި ޑްރޯން ޙަމަލާތައް، ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކުރަމުންނެވެ.

މި ނިރުބަވެރި ޙަމަލާތައް އެމެރިކާއާއި ޔަހޫދީން އީރާނަށް ދޭން ފަށާފައިވަނީ، އީރާނުގެ އަސްކަރީ ޤާބިލުކަން ނެތިކޮށްލުމަށްކަމަށް ބުނެއެވެ.

ނަމަވެސް، އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީގެ އެއިރޯސްޕޭސްގެ ވެރިޔާ މާޖިދު މުސޫވީ ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިން އޮތް ޙާލަތަށް ވުރެ، މިސައިލާއި ޑްރޯން ޙަމަލާ ފޮނުވައިލުމަށް ބޭނުންކުރާ ލޯންޗަރުތައް އައު ކުރުމުގެ ސްޕީޑު މިހާރު އަވަސްވެފައިވާ ކަމަށެވެ.

އެ މެސެޖު އޭނާ ދެއްވީ، ބިމު އަޑީގައި ހުރި ޑްރޯނާއި މިސައިލް ރައްކާކޮށްފައިހުރި ބިންގަރާހެއްގައެވެ. އެ ވީޑިއޯގައި އީރާނުން ތައްޔާރީ ޙާލަތަށް ގެނެސްފައިވާ އެތަކެއް ހާސް ޑްރޯނާއި މިސައިލްތައް ރައްކާކޮށްފައިހުރި ބިންގަރާހެއް ފެނެއެވެ.

ގާތްގަނޑަކަށް ހަ ހަފްތާއަށް ދިގުދެމިގެންދިޔަ ކުރިމަތިލުންތަކުގައި، އީރާނުން ވަނީ ކޮންމެ ދުވަހަކު ވެސް ގިނަ ޢަދަދެއްގެ މިސައިލާއި ޑްރޯން ޙަމަލާތައް ފޮނުވާލައިފައެވެ.

އެ ޙަމަލާތައް މެދުކަނޑާލާފައިވަނީ، މި މަހުގެ 8ވަނަ ދުވަހު އެމެރިކާ އާއެކު ވެވުނު އެއްބަސްވުމެއް ދަށުންނެވެ. ދެ ހަފްތާއަށް ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން އޭޕްރީލް 22އަށް ހަމަވާނެއެވެ.

އެ އެއްބަސްވުން ހަމަވުމުގެ ކުރިން، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އީރާނާ ދެމެދު ސުލްޙައިގެ މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ މަޝްވަރާތަކުގައި އެމެރިކާގެ އެންމެ މުޙިއްމު އެއް ޝަރުތަކަށްވީ، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓައިލުމެވެ.

ނަމަވެސް، އެފަދަ ޚިލާފުތަކަށް ޙައްލެއް ނުލިބި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރި މަޝްވަރާތައް ނިންމައިލީ، ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.