އަންނަ ސީޒަނަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސްކޮޑު ވަރުގަދަކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަމަށް އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން މުބީން ވިދާޅުވީ، ނިއުއިން މިހުރިހާ މަސައްކަތްތަކެއް ވެސް ކުރަމުން ގެންދަނީ ޓެކްނިކަލް ޓީމެއް ނަގައިގެން، އެ ޓީމުގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. ނިއުއާ އެހެން ޓީމުތަކާ ތަފާތުވާ ސަބަބަކީ ވެސް އެއީކަމަށް މުބީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަމަ ޓެކްނިކަލް ޓީމެއް ނަގައިގެން މަސައްކަތްކުރަމުން މި އަންނަނީ. އަޅުގަނޑުމެން އެހެން ކުލަބުތަކާ ޚިލާފަށް ވަރަށް ބޮޑަށް، ޓެކްނިކަލް ޑައިރެކްޓަރަކު ނަގައިގެން އޭނަގެ ދަށުން މިހާރު އޮތް ސްކޮޑުގެ ވީކް އޭރިއާތައް ދެނެގަނެ އެކަންކަން ރަނގަޅުކުރަން މިހާރުވެސް އެކިއެކި ޕްލެޔަރުންނާ ވާހަކަދައްކަމުން މި އަންނަނީ". މުބީން ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނިއުއިން މި ސީޒަން ފެށިއިރު، އެ ޓީމަށް ކުޅުންތެރިން ގެނައުމުގައި މާ ބޮޑު ފުރުސަތުތަކެއް ނެތެވެ. އެގޮތުން ކުޅުންތެރިން ހޯދަން އެ ކުލަބަށް ލިބުނީ ކުރު މުއްދަތަކަށްވާއިރު، ބޭނުންވި ގިނަ ކުޅުންތެރިން ތިބީ އެހެން ކުލަބުތަކުގެ ކޮންޓްރެކްޓުގައެވެ.
އެހެންކަމުން ބިދޭސީ ކުޅުންތެރިންނަށް ޓީމު ވަރަށް ބޮޑަށް ބަރޯސާވާން ޖެހުނުއިރު، ގެނައި ބިދޭސީ ކުޅުންތެރިންނަށް ވެސް އަދި ދިވެހި ކުޅުންތެރިންނަށް ވެސް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ބަދަލުތަކެއް އައިސްފައިވެއެވެ.
އެހެންކަމުން އަންނަ ސީޒަން ވެގެންދާނީ ނިއުއަށް ފުރިހަމައަށް ތައްޔާރުވާން ފުރުސަތު ލިބި، ބޭނުންވާ ކުޅުންތެރިން ގޮވައިގެން ސީޒަން ފަށަން ލިބޭ ފުރުސަތަކަށެވެ.
"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުއިން އަންނަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅެމުންދާ އީގަލްސްގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާ ވެސް މަޝްވަރާކުރަމުންނެވެ. އަދި ޒުވާން ތަރި އީތަންގެ ސޮއި ހޯދުމަށް ވެސް ނިއުއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މުބީން މީގެކުރިން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ވިދާޅުވީ، ޤައުމީ ޓީމުގެ 8 ކުޅުންތެރިއަކު ނިއުއިން އަންނަ ސީޒަނުގައި ފެންނާނެ ކަމަށެވެ.