ސިއްހީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ޑޮކްޓަރުންކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ފޮނުއްވި މެސެޖްގައެވެ.
ސޯސަލް މީޑިއާ މެދުވެރިކޮށް ފޮނުވި މެސެޖްގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ޑޮކްޓަރުންނަށް ފޮނުވާފައެވެ.
ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މުޅި ޞިއްޙީ ނިޒާމް ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ޑޮކްޓަރުންގެ ދައުރު ބޮޑުކަމަށެވެ. އަދި މަސައްކަތުގެ މައިދާނުގައި ކޮންމެ ދުވަހަކު ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއިއެކުވެސް ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޑޮކްޓަރުން ދައްކަވާ ސާބިތުކަމަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ޑޮކްޓަރުން ކުރާ މާތް މަސައްކަތަކީ ހަމައެކަނި އަދާކުރާ ވަޒީފާއެއް ނޫންކަމަށައި، އެއީ މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މުގައްދަސް އަދި އިންސާނީ ކަރާމާތާއި ގުޅިފައިވާ މަތިވެރި ޚިދުމަތެއްކަމަށް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
"ޞިއްޙީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ތިބޭފުޅުން އަދާކުރައްވަނީ އެންމެ އަދި އެންމެ މުހިންމު ދައުރު. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އާއިލާއާއި އަމިއްލަ ކަންކަމަށް ލިބޭ ވަގުތާއި ނިދި ގުރުބާންކޮށް ރެއާއި ދުވާލު ތިޔަ ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ މާތް އިންސާނީ ޚިދުމަތެއް." އަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، ބަލިމީހުންނަށް ފަރުވާދިނުމުގައި ޑޮކްޓަރުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުްއްރައްޒާޤް ޙަލީމް ދެއްވާ ޚާއްސަ މެސެޖް. pic.twitter.com/Etv9tXJqzK
— IGMH (@igmhmv) April 18, 2026
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ޑޮކްޓަރުން ދެއްވާ އަހައްމިއްޔަތާއި ބަހައްޓަވާ ގާތްކަމާއި، އެއްބާރުލެއްވުމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ޑޮކްޓަރުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްދިއުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އަދުގެ ސަރުކާރުން ސާބިތުކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ދެއްވާފައެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ ޒަމާނީ ބޭސްވެރިކަމަށް އެންމެ ފުރަތަމަ ތަމްރީނުވެގެން އައި ޑޮކްޓަރ، ޑރ. އަބްދުﷲ އަބްދުލް ހަކީމްގެ ހަނދާނުގައެވެ. މި ދުވަސް ފާހަގަކުރަނީ 1964 ވަނަ އަހަރު އެޕްރީލް މަހުގެ 18 ވަނަ ދުވަހު އޭނާ ޤައުމީ ޚިދުމަތަށް ނިކުތުމާއި ގުޅުވައިގެންނެވެ.