25 އަހަރުގެ މެދު ކެނޑުމަކަށްފަހު ކޮވެންޓްރީ ސިޓީ އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދައިފި އެވެ.
ކޮވެންޓްރީ ސިޓީ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެފައިވަނީ ޗެމްޕިއަންޝިޕްގައި ރޭ ބްލެކްބަރން ރޯވާޒް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ތާވަލުގެ އެއްވަނަ މަގާމް ކަށަވަރުކުރުމަށްފަހުގަ އެވެ.
ރަށުން ބޭރުގައި ކޮވެންޓްރީ ކުޅުނު މި މެޗުގެ 54 ވަނަ މިނިޓުގައި ބްލެކްބަރންގެ މޮރިޝިތާ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް މި މެޗުން ކޮވެންޓްރީ އަށް ޕޮއިންޓެއް ހޯދަދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ބޮބީ ތޯމަސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޖުމްލަ 24 ޓީމު ވާދަކުރާ ޗެމްޕިއަންޝިޕްގައި ކޮވެންޓްރީ އިން މިހާތަނަށް 43 މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ 86 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް އިޕްސްވިޗް ޓައުން އިން 41 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 75 ޕޮއިންޓެވެ.
އެހެންކަމުން ތާވަލުގެ ދެވަނަ އަދި ތިންވަނައިގައި އޮތް އިޕްސްވިޗް އާއި މިލްވޯލް އިން ކުރިއަށް އޮތް ހުރިހާ މެޗެއް ކާމިޔާބު ކުރި ނަމަވެސް ކޮވެންޓްރީ ސިޓީ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ އެވެ. ކޮންމެ ސީޒަނެއްގައިވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވަނީ ޗެމްޕިއަންޝިޕްގެ އެއްވަނަ އަދި ދެވަނަ ޓީމެވެ.
ޗެލްސީގެ ލެޖެންޑް އަދި އެ ޓީމުގެ ކުރީގެ ކެޕްޓަން ފްރެންކް ލަމްޕާޑް ކޮވެންޓްރީގެ ކޯޗު ކަމާއި 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު ހަވާލުވެ އޭނާ ވަނީ އެ ކްލަބާއިއެކު ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ.
ކޮވެންޓްރީ ސިޓީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވަނީ 2001 ވަނަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު އެސްޓަން ވިލާ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގަ އެވެ. އޭގެ ފަހުން 11 އަހަރު ޗެމްޕިއަންޝިޕްގައި ކުޅުމަށްފަހު 2013 ވަނަ އަހަރު ވަނީ ލީގު ވަން އަށް ރެލިގޭޓް ވެފަ އެވެ.