ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން މެދުކަނޑާލާފައި މުއްދަތު ހަމަވަންދެން ހުރްމުޒް ކަނޑުއޮޅި ހުޅުވާލާފައި އޮންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދިޔަ ހަނގުރާމައިގައި ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ނިންމާ، އެ އެއްބަސްވުމަށް ދަނީ ޢަމަލުކުރަމުންނެވެ. މި މުއްދަތުގެ ތެރޭގައި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ޞުލްޙައިގެ މަޝްވަރާތައް ދަނީ ކުރަމުންނެވެ. އީރާނުން އަބަދު ވެސް ބުނަމުން ދަނީ އީރާނަށް ޙަމަލާ ދިނުން ހުއްޓައިލުމާ އެކުއެކީގައި ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ވެސް ހުއްޓައިލަން ޖެހޭ ކަމަށެވެ. ނަމަވެސް ޔަހޫދީންނާއި އެމެރިކާއިން ބުނަމުން ދަނީ އެއީ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެ ސަބަބާ ހުރެ އީރާނުން ދިޔައީ، މައި ވިޔަފާރި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ހުރަސްއަޅަމުންނެވެ. ނަމަވެސް އޭޕްރިލް މަހުގެ 16ވަނަ ދުވަހު އެމެރިކާ މެދުވެރިވެ ޔަހޫދީންނާއި ލުބުނާނާ ދެމެދު ދިހަ ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވަނީ ނިންމައިފައެވެ. އެ އެއްބަސްވުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަރާޤްޗީ ވިދާޅުވީ 10 ދުވަހުގެ މުއްދަތު ނިމެންދެން ހުރްމުޒް ކަނޑުއޮޅި ހުޅުވިފައި އޮންނާނެ ކަމަށެެވެ.
އީރާނުގެ އިސް އޮފިޝަލަކި ވިދާޅުވީ ދަތުރުތައް ކުރަމުން ދާނީ އީރާނުން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ލޭންތަކަކުން ކަމަށެވެ. ނަމަވެސް އަސްކަރީ އުޅަނދު ފަހަރަށް އަދި ވެސް އެ މަގުތަކުން ދަތުރުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ 11 އިންސައްތައިން ދަށަށް ގޮސްފައެވެ. އަދި ސްޓޮކް މާކެޓުގެ އަގުތައް ވަނީ މައްޗަށް ޖެހިލައިފައެވެ.
މެދުއިރުމަތީ ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 130 އުޅަނދު ދިޔައީ ހުރްމުޒް ކަނޑުއޮޅު ހުރަސްކުރަމުންނެވެ. އެ ކަނޑުއޮޅި އަލުން ހުޅުވާލާފައިވާ ނަމަވެސް އެ ޢަދަދަށް އުޅަނދުފަހަރު އެ މަގު ހުރަސް ކުރުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.