މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށްޓަކައި، އީރާނާއި އެމެރިކާއިން ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރެއް ބޭއްވޭނެކަމާމެދު އުއްމީދު ބޮޑުވެއްޖެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ދެ ޤައުމުގެ އިސް މަންދޫބުންގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގެ ފުރަތަމަ ބުރުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވި ނަމަވެސް، މި މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ދަނީ މަޝްވަރާގެ ދެވަނަ ބުރަކަށް މަސައްކަތް ކުރަމުންނެވެ.
ފެބްރުއަރީ 28ގައި އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ދޭން ފެށި ނިރުބަވެރި ޙަމަލާތަކާ އެކު އަސްކަރީ ކުރިމަތިލުންތައް ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ.
ޕާކިސްތާނު މެދުވެރިވެގެން ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް މިހާރު ޢަމަލުކުރަމުންދާއިރު، އެކަމަށް ދީފައިވާ ދެ ހަފްތާގެ މުއްދަތު އޭޕްރީލް 22އަށް ހަމަވާނެއެވެ.
އެކި މަސްދަރުތަކާ ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް ނާދެވުނަސް، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން އިތުރު ކުރުމުގެ ފުރުޞަތު ވެސް ބޮޑެވެ.
ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އާސިމް މުނީރު މި ވަގުތު ވެސް އީރާނުގެ ވެރިރަށް ތެހްރާނަށް ވަޑައިގެން ހުންނެވީ، މަޝްވަރާގެ މޭޒަށް އީރާނު އަލުން ގެނައުމުގެ މަސައްކަތުގައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެޙްބާޒް ޝަރީފް ވެސް ގެންދަވަނީ ގަލްފުގެ ބައެއް ޤައުމުތަކަށް ދަތުރުފުޅުތައް ކުރައްވައި، މަޝްވަރާތަކަށް އެ ޤައުމުތަކުގެ އެއްބާރުލުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޝްވަރާގެ ދެވަނަ ބުރެއް ބާއްވައި، ހަނގުރާމަ ނިމުމަކަށް ގެނެވޭނެކަމަށް ވިދާޅުވަމުންނެވެ.
ނަމަވެސް، ޕާކިސްތާނުގެ ސަރުކާރުގެ ބައެއް މަސްދަރުތަކާ ޙަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޓްރަމްޕް ވިދާޅުވާހާ އަވަހަށް މަޝްވަރާތަކުގެ ދެވަނަ ބުރެއް ބޭއްވުން ނާދިރެވެ.
ސަބަބަކީ، ފުރަތަމަ ބުރުގައި މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު ޚިލާފުތައް އަދިވެސް ޙައްލުނުވުމެވެ.
މިގޮތުން، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލަން އެމެރިކާއިން ބޭނުންވާއިރު، އެކަމަށް އީރާނުން ވަނީ ސާފުކޮށް އިންކާރުކޮށްފައެވެ.
މީގެއިތުރުން، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓައިލުމަށް އެމެރިކާއިން ޑިމާންޑުކުރާއިރު، އީރާނުން ވަނީ އެކަމަށް ވެސް އެއްބަސްވާން ދެކޮޅު ހަދައިފައެވެ.