ކުޅިވަރު

މެސީގެ ވޯލްޑް ކަޕް ބޫޓަށް އޮރެންޖާއި ރަންކުލަ


އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަންނަ ވޯލްޑް ކަޕުގައި ލާނެ ބޫޓު އެޑިޑާސްއިން ދައްކާލައިފި އެވެ.

މެސީ ބޫޓުލައިގެން އިން ފޮޓޯއަކާއެކު އެޑިޑާސްއިން ދައްކާލި މި ބޫޓުގެ ކުލައަކީ ރަނާއި އޮރެންޖް ކުލަ އެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބު ކުރީ މެސީ ކަމަށްވެފައި އޭނާގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ގެނެސްފައިވާ ކުލަތަކެކެވެ.

އެޑިޑާސްއިން އުފެއްދި މި ބޫޓަކީ އެކުންފުނީގެ އެފް ފިފްޓީ މެސީ ހޮރަ ޑޮރާޑާ ބްރޭންޑްގެ ބޫޓެކެވެ. އަދި މިއީ އެ ކުންފުނިން މެސީ އަށް ހާއްސަކޮށް ބޫޓު ތައްޔާރުކުރަން ފެށިފަހުން ތައްޔާރުކުރި އެންމެ ފުރިހަމަ ބޫޓު ކަމަށް ވެސް އެޑިޑާސްއިން ބުނެ އެވެ. އެ ކުންފުނިން ބުނީ ބޫޓޫ ތައްޔާރު ކޮށްފައިވަނީ ދުވާލުގެ އަލި އެޅުމުން ބޫޓަށް އިތުރު ފުރިހަމަކަން ގެނުވާނެ ގޮތަށް ކުލަ ބައްޓަން ކޮށްގެން ކަމަށެވެ. އަދި މިއީ ފޮޓޯ އާއި ވީޑިއޯއިން ފެންނައިރު ވެސް ކުރީ ބޫޓުތަކަށްވުރެ ރީތި ހިތްގައިމު ބޫޓަކަށްވާނެ ކަމަށެވެ.

އަންނަ ޖޫނަ މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ މުބާރާތަކީ އުމުރުން މިހާރު 39 އަހަރުގެ މެސީގެ ފަހު ވޯލްޑް ކަޕަށް ކަމަށް ބެލެވެ އެވެ.