ކުރިއަށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިންޑިޔާގައި ދައްކާނެ ބަޔަކު ނުވެ، އެ ގައުމުގެ 1.4 ބިލިއަން މީހުންނަށް މުބާރާތް ނުފެނިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އިންޑިޔާގެ މީޑިއާތަކުން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް އެ ގައުމުގައި ދެއްކޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މުބާރާތް ދައްކަން ބޭނުންވާ ހުއްދަ ހޯދުމަށް ފީފާ އަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަތިވުމެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން 2026 އާއި 2030 ވަނަ އަހަރުގެ މުބާރާތުގެ ރައިޓްސް އިންޑިޔާ އަށް ވިއްކަން އެންމެ ފުރަތަމަ ބުނި އަގަކީ 100 މިލިއަން ޑޮލަރެވެ. ނަމަވެސް ކުޅިވަރު ދައްކާ އެއްވެސް ޗެނަލަކުން ޝައުގުވެރި ނުވުމުން މި އަގު ވަނީ 35 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ. މިވަރުން ވެސް ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމުގައި މި މުބާރާތުގެ ރައިޓްސް ގަތުމުގެ ޝައުގުވެރިކަމެއް ނެތެވެ.
2022 ވަނަ އަހަރު ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕް އިންޑިޔާގައި ދެއްކީ ވަޔަކޮމް18 ޗެނަލުންނެވެ. މި މުބާރާތުގެ މީޑިއާ ރައިޓްސް އެ ޗެނަލުން ގަތީ 62 މިލިއަން ޑޮލަރަށެވެ. ނަމަވެސް އިންޑިޔާގެ މީޑިއާ ކުންފުނިތަކުން ބުނަނީ މިހާރު އިގްތިސާދީ ހާލަތު އޮތް ގޮތުން ބޮޑު އަގުދީފައި ވޯލްޑް ކަޕް ނެގުމުގެ ގާބިލްކަން ނެތް ކަމަށެވެ.
އިންޑިޔާގައި ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ދައްކަން ޝައުގުނެތް އެހެން ސަބަބުތަކެއް ވެސްވެ އެވެ. މީގެ ތެރޭގައި ހިމެނީ ވާދަވެރި މީޑިއާ ކުންފުނިތައް އެއްކޮށްލުމާއި ސޮނީ ސްޕޯޓްސް އާއި ޔޫރޯ ސްޕޯޓްސް އަދި ފޭންކޯޑް ފަދަ ކުންފުނިތަކުން ފުޓްބޯޅަ ދައްކަން ބޮޑު ހޭދައެއް ކުރަން ބޭނުންނުވުމެވެ.
އަނެއް ސަބަބަކީ އިންޑިޔާގައި އޮތް ކްރިކެޓް ފޯރި އެވެ. ގިނަ ބްރޯޑްކާސްޓަރުން މިހާރު ވެސް ތިބީ ބޮޑެތި ކްރިކެޓް މުބާރާތްތައް ދައްކަން އިންވެސްޓް ކޮށްގެންނެވެ. މިފަދަ މާލީ މުއާމަލާތްތައް ރައްކާތެރި ކުރެވޭނީ ވޯލްޑް ފުޓްބޯޅަ ބޮޑުއަގުގައި ނަގައިގެން ނޫން ކަމަށް ގިނަ މީޑިއާ ކުންފުނިތަކުން ދެކެ އެވެ. ސަބަބަކީ ކްރިކެޓަށް ލިބޭ ސްޕޮންސާ ފުޓްބޯޅަ ދައްކާއިރު ލިބޭގޮތް ނުވުމެވެ.