ވިޔަފާރި

އޯގަސްޓް މަހު ރާއްޖެ އެތެރެކުރި މުދާ އިތުރުވެއްޖެ


މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލަށްވުރެ މިއަހަރުގެ އޯގަސްޓްމަހު ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އޯގަސްޓް މަހު މި ޢަދަދު ވަނީ 2.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި އޯގަސްޓް މަހު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ ޖުމްލަ އަގު މި ދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ވަނީ 8% އިތުރުވެފައެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު ޢާމްދަނީ ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހާ އަޅާބަލާއިރު ހުސްވި އޯގަސްޓް މަހު %7 ދަށްވެފައެވެ.

ފާއިތުވި އޯގަސްޓްމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 209.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ލިބިފައިވަނީ 224.4 މިލިއަން ރުފިޔާއެވެ. އިމްޕޯޓް ކުރެވުނު މިންވަރު އިތުރުވެފައި ވީނަމަވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވަނީ ޑިއުޓީ ނަގާ މުދާ އިމްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު ދަށްވެފައިވާތީ ކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ.

ފާއިތުވެދިޔަ އޯގަސްޓްމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާބަލާއިރު 18 އިންސައްތަ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު 210 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ އޯގަސްޓް މަހު މި ޢަދަދު ވަނީ 172 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވެފައިވީނަމަވެސް މިދިޔަ ޖޫން އަދި ޖުލައި މަހާ އަޅާބަލާއިރު ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރެވުނު މިންވަރު މިދިޔަ އޯގަސްޓްމަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށް ކަސްޓަމްސުން ވިދާޅުވެއެވެ. މިގޮތުން މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޯގަސްޓްމަހު އެކްސްޕޯޓް ކުރެވުނު މަހުގެ ބާވަތްތަކުގެ މިންވަރު ގާތްގަނޑަކަށް ދެގުނައަށް ވަނީ އިތުރުވެފައެވެ.