ޚަބަރު

ސްޕޯޓްގޭޓް އެޕްލިކޭޝަނަށް ހޭލުންތެރިކުރުން ކުރިޔަށްދާނެ


  • މިއީ ކުރީގެ އެޕްލިކޭޝަނަށް ދިމާވި ދަތިތަކަށް ހައްލެއް

  • އައު ޕޯޓަލަށް އަހުލުވެރިކުރެވުމުގެ މަސައްކަތް ކުރިޔަށްދާނެ

ކުޅިވަރު އެސޯސިއޭޝަންތަކާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި ދެމެދު ރަސްމީ ލިޔެ ކިއުންތައް ބަދަލުކުރުމަށް ތައާރަފްކުރި ސްޕޯޓް ގޭޓް އެޕްލިކޭޝަނަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

މި މަހު ލޯންޗް ކުރެވުނު މި އެޕްލިކޭޝަން މިހާރު އެސޯސިއޭޝަންތަކާއި ކުލަބު ޖަމްއިއްޔާތަކުން ބޭނުން ކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވަޒީރު ރާފިޢު ވިދާޅުވީ މިކަން ކުރަން ގަސްތުކުރީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި އެސޯސިއޭޝަންތަކާއި ދެމެދު ހިނގާ މުއާމަލާތްތައް ރައްކާކުރެވި، އެ ބަދަލުކުރެވޭ ލިޔެކިއުންތައް ނުގެއްލޭ ގޮތަށް ޑިޖިޓަލައިޒް ކުރުން ކަމަށެވެ.

އަދި މިއީ ސަރުކާރުގެ 2.0ގެ ދަށުން ކުރިޔަށްދާ ކަމެއް ކަމަށާއި، މިހާރަށްވުރެ ގާބިލުކަންމަތީ މައުލޫމާތު ރައްކާކުރުމަށް މިކަމުން މަގުފަހިވެގެންދާނެ ކަމަށެވެ.

”މިހާރަށްވުރެ އެފިޝިއަންޓްކޮށް ޕޭޕާލެސްކޮށް އެކަންކަން ކުރުން. މިސާލަކަށް ދަންނަވަނީނަމަ އެސޯސިއޭޝަންތަކުން ޕްލޭޔަރުން ރިލީޒް ކުރުމާއި މުބާރާތްތަކަށް ހުއްދަހޯދުމާއި އަދި މި ނޫންވެސް ކުލަބު ޖަމްއިއްޔާތަކުގެ ފަންކްޝަންތައް އިތުރަށް އަވަސްކޮށް ހަރުދަނާ ކުރުމުގެ ގޮތުން މި އެޕްލިކޭޝަން ބޭނުންކުރެވިގެންދާނެ“ ވަޒީރު ވިދާޅުވިއެވެ.

ސްޕޯޓްގޭޓް ޕޯޓަލް އިން ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކުގެ ރަޖިސްޓްރޭޝަން ހުށަހެޅުމާއި ހިންގާ ގަވާއިދު ހުށަހެޅުމާއި ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ ކުޅިވަރު އެސޯސިއޭޝަންތަކާ ކުޅިވަރު ކޮމިޝަނާއި ގުޅުވައިދޭ ފާލަމަކަށްވާއިރު، މީގެ ކުރިން މި ޚިދުމަތްތައް ހޯދުމަށް ބޭނުންކުރީ "މީސް ޕޯޓަލް"އެވެ. "މީސް ޕޯޓަލް" އިން ޚިދުމަތްތައް ހޯދުމުގައި ގިނަ ދަތިތަކެއް ދިމާވުމާއި ގުޅިގެން އެކަމށް ހައްލު ހޯދުމަށް އުފެއްދި ސްޕޯޓްގޭޓް ޕޯޓަލްއިން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ދެމުންދާ ހުރިހާ ޚިދުމަތެއް ހޯދޭނެއެވެ.

އަދި ކުޅިވަރާ ގުޅުންހުރި މުހިންމު މުއާމަލާތްތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވި، މިޕޯޓަލްގެ ޒަރީޢާއިން މުހިންމު މައުލޫމާތުތަކާ ލިޔެކިޔުންތައް އަރުޝީފު ކުރެވޭނެއެވެ.