ޚަބަރު

އީރާނު-އެމެރިކާ، ސީދާ މަޝްވަރާކުރުމަށް ޕާކިސްތާނުން ބާރުއަޅަނީ


ޕާކިސްތާނުން އިސްނަގައިގެން އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތައް ބޭއްވުމަށް ބާރުއަޅަމުންދާ ކަމަށް ޕާކިސްތާން ސަރުކާރުގެ މަތީ ފަންތީގެ މަސްދަރަކުން އަލް-ޖަޒީރާ ނޫހަށް މަޢުލޫމާތު ދީފިއެވެ.

އެ މަސްދަރުން ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުން މިހާރު ދަނީ އެންމެ މަތީ ފަންތީގައި ގިނަ މަޝްވަރާތަކެއްކޮށް، ޕާކިސްތާނުގެ ބައިވެރިވުމާއެކު އެމެރިކާއާއި އީރާނާ ދެމެދު ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ބާރުއަޅަމުންނެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ދެ ޤައުމުގެ ވަފުދުތަކުގެ އިސްވެރިން ސަލާމްކުރެއްވުމަށްފަހު، ދެ ޤައުމުގެ ވަފުދުގެ މެދުގައި ޕާކިސްތާނުގެ އިސް އޮފިޝަލަކު ހުންނަވައިގެންނެވެ. މި އިންތިޒާމުތަކުގެ ދަށުން، އީރާނުގެ ވަފުދުގެ މެންބަރުން އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގޭގައެވެ. އޭގެ ފަހުން އެމެރިކާގެ ވަފުދުގެ ބޭފުޅުންނާ ފާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވާނެއެވެ. މިގޮތުން މިވަގުތު އީރާނުގެ ވަފުދުން ދަނީ ޕާކިސްތާނުގެ ބޮޑުވަޒީރާ އެކު މަޝްވަރާކުރައްވަމުންނެވެ.

ޕާކިސްތާން ސަރުކާރުގެ މަސްދަރުން އިތުރަށް ބުނެފައިވަނީ، ދެ ފަރާތް ސީދާ މަޝްވަރާތަކުގައި ބައިވެރިކުރުވުމަށް ޕާކިސްތާނުން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ، މިއީ ހާސިލުކުރެވޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވެއްޖެނަމަ މަޝްވަރާތައް ކުރިއަށްދާނީ ނުސީދާކޮށް ކަމަށާއި، އެ މަޝްވަރާތައް މިއަދުގެ ނިޔަލަށް ނިމޭނެ ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

މުޅި ދުނިޔޭގެ މަސްލަޙަތު އޮތް މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާނުން އިސްނެގީ، އީރާނުގެ އިތުރުން އެމެރިކާ އާއެކު ވެސް ރަނގަޅު ގުޅުމެއް އޮތް ޤައުމެއްގެ ހައިސިއްޔަތުންނެވެ.

ސަރަޙައްދީ އެހެން ޤައުމުތަކާ ޚިލާފަށް ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހުރެއެވެ. އަދި ޕާކިސްތާނާއި އެމެރިކާ އާ ދެމެދު އަސްކަރީ ގޮތުން ރަނގަޅު ގުޅުމެއް އޮތީ ޤާއިމުވެފައެވެ. އެހެންކަމުން، ދެ ޤައުމުން ވެސް ޕާކިސްތާނަށް ކުރާ އިތުބާރު ބޮޑުކަމަށް މާހިރުން ޤަބޫލުކުރައްވައެވެ.