ހަ ހަފުތާއަށް ދިގުދެމިގެންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ ސީދާ ސުލްޙައިގެ މަޝްވަރާތައް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިހާރު ވަނީ ފަށާފައެވެ.
އެމެރިކާގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވާ މަތީ ފަންތީގެ ވަފުދު އިސްކޮށް ތަމްސީލުކުރައްވަނީ ނައިބު ރައީސް ޖޭ.ޑީ ވޭންސްއެވެ. މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާއި ޖެރެޑް ކުޝްނަރ މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ޤައުމުގެ ވަފުދުގައި އިސްކޮށް ތިއްބެވީ އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، މި ވަފުދުގައި ގާތްގަނޑަކަށް 70 މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި އިޤްތިޞާދީ، ސަލާމަތީ އަދި ސިޔާސީ ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން މީޑިއާ އަދި އެހީތެރިކަން ފޯރުކޮށްދޭ މުވައްޒަފުން ހިމެނެއެވެ. މި ވަފުދު މިހާ ފުޅާކޮށް އެކުލަވާލާފައި އޮތުމަކީ، މި މަޝްވަރާތަކަކީ އީރާނުން އިންތިހާއަށް އަހައްމިއްޔަތުކަންދޭ، ނާޒުކު މައްސަލައެއްކަން ހާމަވާ ކަމެއް ކަމަށްވެސް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.
މުޅި ދުނިޔޭގެ މަސްލަޙަތު އޮތް މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާނުން އިސްނެގީ، އީރާނުގެ އިތުރުން އެމެރިކާ އާއެކު ވެސް ރަނގަޅު ގުޅުމެއް އޮތް ޤައުމެއްގެ ހައިސިއްޔަތުންނެވެ.
ސަރަޙައްދީ އެހެން ޤައުމުތަކާ ޚިލާފަށް ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހުރެއެވެ. އަދި ޕާކިސްތާނާއި އެމެރިކާ އާ ދެމެދު އަސްކަރީ ގޮތުން ރަނގަޅު ގުޅުމެއް އޮތީ ޤާއިމުވެފައެވެ. އެހެންކަމުން، ދެ ޤައުމުން ވެސް ޕާކިސްތާނަށް ކުރާ އިތުބާރު ބޮޑުކަމަށް މާހިރުން ޤަބޫލުކުރައްވައެވެ.
ނަމަވެސް، މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ޙާޞިލްކުރެވިދާނެކަމާ މެދު މާހިރުން ސުވާލު އުފައްދަވައެވެ. މި މަޝްވަރާތަކަށް އެންމެ ބޮޑަށް ހިޔަނި އެޅިފައިވަނީ، ޙަމަލާތައް ހުއްޓައިލަން އެއްބަސްވިފަހުން ވެސް ޔަހޫދީން ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުންނެވެ.
އީރާނުން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ވެސް ހިމެނެއެވެ. ނަމަވެސް، އެކަމަށް އެމެރިކާއިން ދަނީ ދެކޮޅު ހަދަމުންނެވެ. ލުބްނާނަށް ޙަމަލާ ދެމުންދަނީ، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅުމަށް ޔަހޫދީންގެ ހީލަތްތެރި ރޭވުމުގެ ތެރެއިން ކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް، މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އީރާނުން އެމެރިކާގެ ބަހަށް ކުރާ އިތުބާރު ކުޑަވުން ކަމުގައި މާހިރުން ޤަބޫލުކުރައްވައެވ. .
ފެބްރުއަރީ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށާފައިވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާ ކުރެވެމުންދަނިކޮށެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާދޭން ފެށީ ވެސް އެމެރިކާ އާއެކު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިންނެވެ.