އެންމެ ބޭނުންވި ގޮތަށް ސީޒަން ނިންމާނުލެވުނު ނަމަވެސް، އޮޑި ސްޕޯޓްސް ކުލަބަށް މިއީ ތާރީޚީ ސީޒަނެއްކަމަށް އެ ޓީމުގެ ކޯޗު، ސްޕެއިންގެ އަންދްރޭސް ގާސިއާ ބުނެފިއެވެ.
އޮޑި ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީ ނިމެމުން މިދާ ފުޓުބޯޅަ ސީޒަނުގައެވެ. ފުރަތަމަ ސީޒަނުގައި ވެސް އޮޑިން ވަނީ، އެހެން އެއްވެސް ކުލަބަކަށް ނުހޯދޭފަދަ ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ.
ކަން މިހެން އޮތް ނަމަވެސް، ބައިނަލްއަގްވާމީ ބްރޭކަށްފަހު ކުލަބު ފުޓުބޯޅަ އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗުގައި އޮޑިއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. އެގޮތުން އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ނިއުރޭޑިއަންްޓް އަތުން 0-4 އިން އޮޑި ވަނީ ބަލިވެފައެވެ.
މި ބައްޔާއެކު އެފްއޭ ކަޕުން ކަޓައި، އޮޑިއަށް މި ސީޒަން ނިމުނުއިރު ނިއު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު އަންދްރޭސް ގާސިއާ ބުނީ، މުޅި ސީޒަނުގައި އޮޑީގެ މުޅި ޓީމު ދެއްކީ ތައުރީފު ހައްގު މޮޅު ކުޅުމެއް ކަމަށާއި މިއީ ތާރީޚީ ސީޒަނެއް ކަމަށެވެ. މިއީ ސީޒަން ނިންމާލަން އެންމެ ބޭނުންވި ގޮތް ނޫން ނަމަވެސް، މުޅި ސީޒަނަށް ބަލާނަމަ މިއީ ކާމިޔާބު ސީޒަނެކޭ ބުނެވޭނެ ކަމަށް ކޯޗު ގާސިއާ ބުންޏެވެ.
"މުޅި ސީޒަނަށް ބަލަންޏާ މިއީ ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ސީޒަނެއް. ހުރިހާ އެންމެންގެ ޕާފޯމަންސްވެސް ވަރަށް ފުރިހަމަ. އަހަރުމެންނަށް މި ނިންމާލެވުނީ ވަރަށް ތާރީޚީ ސީޒަނެއް. ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދައި، ލީގު ރަނަރަޕްކަން ވެސް ހޯދިއްޖެ. ދެން، އެންމެ ބޭނުންވި ގޮތަށް ނޫނިއްޔާ އެންމެ ރަނގަޅު ގޮތަކަށް ނޫން ސީޒަން މި ނިމުނީ. 0-4 އިން މި ބަލިވީ. އެކަމަކު އަހަރުމެންނަށް އިނގޭ ނިއު އަކީ ވަރުގަދަ ޓީމެއްކަން. 100 އިންސައްތަ ދީގެން ނިއުއިން ނިކުމެއްޖެނަމަ މެޗު މިހާ އުނދަގޫވާނެކަން. އެކަމަކު މުޅި ސީޒަނަށް ބަލަންޏާ ހަމަ ބުނެވޭނީ މިއީ ވަރަށް ރަނގަޅު، ކާމިޔާބު ސީޒަނެކޭ". އޮޑީގެ ކޯޗު ގާސިއާ ބުންޏެވެ.
އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ބަލިވެ އޮޑިއަށް ސީޒަން ނިމުނުނަމަވެސް ކޯޗު ގާސިއާ ފާހަގަކުރި ގޮތަށް އެ ޓީމުން ވަނީ، "ޑެބިއު" ސީޒަނުގައި ދިވެހި ލީގުގެ ރަނަރަޕް ކަން ހޯދައި، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ އަލަށް ފުރަަތަމަ ޑިވިޝަނަށް ކޮލިފައިވި ޓީމަކުން، ފުރަތަމަ ސީޒަނުގައި މިފަދަ ބޮޑު ކާމިޔާބީތަކެއް ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
80 އަހަރުގެ ދިގު ތާރީޚެއް އޮތް މި މުބާރާތުގެ މިއަހަރުގެ އެޑިޝަންގެ ޗެމްޕިއަންކަން އޮޑިން ހޯދީ، ފައިނަލުގައި، ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްގެންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސްޕެއިންގެ ގާސިއާ އާއެކު ބޮޑެތި ކާމިޔާބީތަކެއް އޮޑިން ހޯދާފައިވާއިރު، އޭނާއާއެކު އޮޑިން ހަދާފައިވާ އެއްބަސްވުން، މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ގާސިއާ ބުނީ، ކޮންޓްރެކްޓް އައުކުރުމާ މެދު އޭނާ ވެސް އަދި ކުލަބުން ވެސް މިހާތަނަށް ރަސްމީ ސިފައެއްގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.