ޚަބަރު

ޖިރޯނާ އާއި އެއްވަރުވެ ރެއާލްއަށް ލީގު ހޯދުމަށް ދަތިތަކެއް


ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ރެއާލް މެޑްރިޑަށް ލިބިފައިވާ 70 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ވަނީ 76 ޕޮއިންޓް ލިބިފަ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ބްރާހިމް ޑިއާޒް ދިން ޕާހަކުން ފެޑެރީކޯ ވަލްވާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ނަމަވެސް އޭގެ 11 މިނިޓު ފަހުން ޖިރޯނާގެ ތޯމަސް ލެމާރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޝަބީ އަލޮންސޯ މަގާމުން ދުރުކުރުމަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި އަލްވާރޯ އަބެލޯއާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލް މެޑްރިޑްއަށް ވަނީ ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ހޯދޭގޮތް ނުވެފަ އެވެ.

ޖިރޯނާ އާއި ރެއާލް މެޑްރިޑް އެއްވަރުގެ ލީގު ހޯދުމުގެ ފުރުސަތު އެ ޓީމަށް ހަނިވެފައިވާއިރު އަންނަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް ނިކުންނައިރު ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ވަނީ ބަލިވެފަ އެވެ.